ސަރުކާރުގެ ސީދާ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކުރާ ނަފުސާނީ ބަލީގެ ނުވަތަ މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.

ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ހުޅުވާލި މި ބީލަމަކީ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމަށް ހުޅުވާލި ފުރުސަތެކެވެ.

މި ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް ބަނޑޭރިޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. ބީލަމަށް ހުށަހަޅާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި 864،000 ރުފިޔާ ހުށަހަޅަން ޖެހޭއިރު، ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އެވެ.

ބޭރު ގައުމުތަކުން ލޯނު ލިބުން ލަސްވުމުގެ ސަބަބުން ސަރުކާރުގެ ހަރަދުގައި މި ހޮސްޕިޓަލް އަޅަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ހާމަކުރައްވާފަ އެވެ. ރައީސް ވިދާޅުވީ، ލޯނު ފެސިލިޓީގެ ޕްރޮސީޖާ ދިގުވުމުގެ ސަބަބުން މަޝްރޫއު ލަސްވަމުންދާތީއާއި، ނަފުސާނީ ފަރުވާއަކީ އަވަސް ހައްލެއް ބޭނުންވެފައިވާ މުހިންމު ކަމަކަށްވާތީ ސީދާ ދައުލަތުގެ ބަޖެޓުން މި މަޝްރޫއު ކުރިއަށް ގެންދެވުމަށް ނިންމެވީ ކަމަށެވެ.

މި ހޮސްޕިޓަލް ފުރަތަމަ ލ. ގަމުގައި ގާއިމުކުރަން ނިންމި ނަމަވެސް، ފަހުން ވަނީ މާލެ ސަރަހައްދުގައި އިމާރާތްކުރުމަށް ނިންމާފަ އެވެ. ސިއްހީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މާލެ ސަރަހައްދުގައި މި ހޮސްޕިޓަލް އަޅަން ނިންމީ ނަފުސާނީ ފަރުވާއަށް ބޭނުންވާ ގިނަ ވަސީލަތްތަކާއި، ޓެސްޓުތައް ހެދުމުގެ އިންތިޒާމުތައް މާލެ ސަރަހައްދުގައި ގާއިމުވެފައިވާތީ އެވެ. މި ހޮސްޕިޓަލް އިމާރާތްކުރުމަށްޓަކައި މާލެ ސަރަހައްދުން 10،000 އަކަފޫޓުގެ ބިމެއް މިހާރު ވަނީ ކަނޑައަޅާފަ އެވެ.