ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތްތަކުގައި މީގެ ދެ އަހަރެއް ކުރިން ހިނގި ނުރައްކާތެރި އަލިފާން ބޮޑު ހާދިސާގައި އިމާރާތްތައް އަނދައިގެން ދިޔަ މަންޒަރު ފެންނަ ވީޑިއޯ ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އާންމުކުރި އެ ވީޑިއޯއިން ފެންނަ ގޮތުގައި، ޑިސެމްބަރު 12، 2024 ގެ ފަތިހު 5:33 ގައި ހައުސިން މިނިސްޓްރީގެ ގޯތިތެރެއިން ކަރަންޓު ކަނޑައިގެން ދެ އެވެ. އަދި އޭގެ 45 ވަރަކަށް މިނެޓް ފަހުން، އެ މިނިސްޓްރީގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފަންގިފިލާއާ ދެމެދު ހުރި ކަރަންޓު ނަރުތަކެއްގައި ރޯވެގެން، ގްރީން ބިލްޑިންގްގައި ހުރި ބިދޭސީ ސެކިއުރިޓީ ގާޑަކު ހަރަކާތްތެރިވާތަން ފެނެ އެވެ.

ނަމަވެސް ކަމާގުޅޭ އިދާރާތަކަށް އެ ހާދިސާ ރިޕޯޓުކުރަން ގުޅާނެ ނަންބަރެއް ނެތުމާއި ފޯނުގައި ކްރެޑިޓް ނެތުމުގެ ސަބަބުން އެ ބިދޭސީ މީހާ އެކި ތަންތަނަށް ދުވާ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އެ މީހާއަށް އެހީތެރިކަމެއް ލިބުނީ ހެނދުނު 6:15 ކަންހާއިރު ގްރީން ބިލްޑިން ކުރިމަތިން ސައިކަލުގައި ދިޔަ އޮފް ޑިއުޓީ ސިފައިންގެ މީހަކު ހުއްޓުވުމުންނެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ސީސީޓީވީ ފުޓޭޖްގެ ތެރެއިން --

އެ ބިދޭސީ މީހާ ވަނީ ކަރަންޓު ނަރުތަކުގައި ރޯވި އަލިފާންގަނޑު ފެން ޖަހައިގެން ނިއްވާލަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ދުން އެރުން ނުހުއްޓޭތީ، އެކަން ހައުސިން މިނިސްޓްރީގެ ސެކިއުރިޓީ ގާޑަށް ރިޕޯޓުކުރަން ގްރީން ބިލްޑިންގްގެ ސެކިއުރިޓީ އޮފިސަރާއި ސިފައިންގެ މީހާ ހައުސިން މިނިސްޓްރީއަށް ވަދެ އެވެ.

އޭގެ އިރުކޮޅެއް ފަހުން އެމްއެންޑީއެފްގެ ފަޔަ ފައިޓަރުން ހައުސިން މިނިސްޓްރީގެ އެކި ފްލޯތަކާއި ގްރީން ބިލްޑިންގް ކައިރިއަށް ގޮސް ހަރަކާތްތެރިވާން ފެށި ނަމަވެސް، ބޮޑު ހުޅުގަނޑު ފަޅައިގެން ގޮސް އަލިފާންގަނޑު މުޅިން ކޮންޓްރޯލް ނުވެ ފެތުރިގެން ދިޔަ އެވެ.

މި ނުރައްކާތެރި ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ އެ ދުވަހުގެ މެންދުރު 12:40 ހާއިރު އެވެ. އަދި އަލިފާން އެއްކޮށް ނިއްވާލެވުނީ ހަވީރު 3:30 ގަ އެވެ. މި ހާދިސާގެ ސަބަބުން ޓިނު ބިލްޑިންގްގައި ރޯވެ، ހައުސިން މިނިސްޓްރީއާއި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީ އެއްކޮށް އަނދައި، ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެ ގޮސްފަ އެވެ. އެކަމާ ގުޅިގެން އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން މިހާރު ކުރިއަށް ދަނީ ދަރުބާރުގޭގަ އެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި އަލިފާނުގެ މި ހާދިސާގައި ގެއްލުން ލިބުނު ސަރުކާރުގެ ތިން އިމާރާތުގެ ތެރެއިން އިންޝުއަރެންސް ކޮށްފައި ވަނީ ހަމައެކަނި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖު އެންޑް އެންވަޔަރްމަންޓް އެންޑް އެނާޖީ އެވެ.