އައްޑޫ ސިޓީގެ ލިންކް ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއު، ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ. މި މަގަކީ ގިނަ އަދަދަކަށް ވަޅުގަނޑު ހެދި، ވަރަށް ބޮޑަށް ހަލާކުވެފައިވާ މަގެކެވެ.

މި މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިން މިނިސްޓްރީން މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތަށްފަހު މިނިސްޓްރީން ވަނީ މަޝްރޫއާ ބެހޭ ކުރު ބަޔާނެއް ނެރެފަ އެވެ.

ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގެވެ.

މި މަޝްރޫއުގެ ދަށުން އައްޑޫ ލިންކް ރޯޑު ހަތަރު ލޭނަށް ފުޅާކުރާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. ލިންކް ރޯޑު ތަރައްގީ ކުރާނީ އައްޑޫ ސިޓީގެ ޑީޓުއާ ބުރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށެވެ. މި މަގުގެ ޖުމްލަ ދިގުމިނަކީ 12.3 ކިލޯމީޓަރެވެ.

ނަމަވެސް، މި މަޝްރޫއަށް ހަރަދުކުރާނެ ކަމަށް ހަމަޖެހިފައިވާ ފައިސާގެ އަދަދެއް އަދި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވާ މުއްދަތެއް މިނިސްޓްރީގެ ބަޔާނުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، އައްޑޫ ލިންކް ރޯޑު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކުރި ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ މީގެ ކުރިންވެސް ބޮޑެތި މަޝްރޫއުތައް ސަރުކާރުން ހަވާލުކޮށްފައިވާ ކަމެވެ. މިދިޔަ އަހަރުގެ ތެރޭގައި ހުޅުމާލޭގެ ބައެއް މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއެއްވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވެ އެވެ.

އެ މަޝްރޫއުގެ އަގު ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އޭރު ހާމަނުކުރި ނަމަވެސް، މީޑީއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މަޝްރޫއު ހަވާލުކުރީ 90 މިލިއަން ރުފިޔާއަށެވެ. އެ އަގު ބޮޑުވެގެން އޭރު އެޗްޑީސީއަށް ފާޑުކިޔުންތަކެއްވެސް އަމާޒުވެފައިވެ އެވެ.

ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮއްވާ މިދިޔަ އަހަރުގެ ފަހުކޮޅު އެ ކުންފުންޏާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލެ ފޭސް 1 ގައި މިހާރު ނުނިމި ހުރި ފަސް މަގެއް ތާރު އަޅައިގެން ތަރައްގީކުރުމާއި ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ތަރައްގީކުރުމެވެ. އޭރު އެ ކުންފުންޏާ ހަވާލުކުރީ ޖުމްލަ 1.1 ކިލޯމީޓަރުގެ މަގު، ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.