ޏ. ފުވައްމުލަކުގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލާގައި ހަސަން ފަރީދު މެރުމަށް ހުކުމްކުރި މައްސަލާގެ އަޑުއެހުންތައް 16 އަހަރު ފަހުން ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

ޖެނުއަރީ، 2010 ގައި ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި އެރަށު މެކޯ އަބްދުﷲ ޝުހާދު މަރާލި މައްސަލާގައި އެރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ހުކުމްކުރި މައްސަލަ އިސްތިއުނާފްކުރީ ފަރީދުގެ ފަރާތުންނެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ އެ މައްސަލާގެ އަޑުއެހުންތައް 16 އަހަރުފަހުން ނިންމާލީ ބައެއް ސުވާލުތައް ދައުލަތަށް އަމާޒު ކުރުމަށްފަހު ދެ ފަރާތަށް ވެސް ފަހު ބަސް ބުނަން ފުރުސަތު ދިނުމަށްފަހު އެވެ.

އެ އަޑުއެހުމުގައި ފަރީދު ވަނީ ފުލުހުންގެ ތަހުގީގުގައި އޭނާއަށް އަނިޔާކުރި ކަމަށް ތުހުމަތުތައް ކޮށްފަ އެވެ. އަދި އެކަމާ ގުޅިގެން ފަނޑިޔާރުން ދައުލަތުގެ ވަކީލުންނާ ސުވާލުތައް ކުރެއްވި އެވެ. ނަމަވެސް ދައުލަތުން އެދުނީ ފަރީދު މަރަން ކުރި ހުކުމް ދެމެހެއްޓުމަށެވެ. އެ މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.