މިދިޔަ ހުކުރު ދުވަހާ ހަމައަށް ފަލަސްތީނުގެ މުހައްމަދު އަލް ހަދީދީ 37، އާއި އޭނާގެ އަންހެނުންގެ އިތުރުން ފަސް ދަރިން އުޅެމުން އައީ ހިތްހަމަ ޖެހޭ އުފާވެރި ދިރިއުޅުމެއްގަ އެވެ. އެންމެ އަރާމު ދިރިއުޅުމަކަށް ނުވި ވިޔަސް އެ ކުޑަ އާއިލާ ވޭތު ކުރަމުން އައީ އުފާވެރި ދުވަސްތަކެކެވެ.
ޣައްޒާގެ އެ އާއިލާއަށް ހުކުރު ދުވަހުގެ ވެސް އަލިވިލުނީ އާދައިގެ ދުވަހެއްގެ ގޮތުގަ އެވެ. މެދުކެނޑުމެއް ނެތި ބޮންތަކާއި ހަމަލާތަކުގެ އަޑު އިވެމުން ދިޔަ ނަމަވެސް ފަސް މަހުގެ އުމަރުއާއި އޭނާގެ އެއްބަނޑު އެއްބަފާ ހަތަރު ބެއިން ގޮވައިގެން އެ މީހުންގެ މަންމަ ޔާސީން ހަސަން ދިޔައީ އުމަރުގެ ބޮޑުބޭބެގެ ގެއަށެވެ. ބަރަކާތްތެރި ފިތުރު އީދުގެ އުފަލުގައި ބައިވެރިވުމަށެވެ.
އީދުގެ މަޖަލާއި ކުޅުމުގައި މުޅި ދުވަސް ދިޔަގޮތް ވެސް އެ މީހުންނަކަށް ނޭނގުނެވެ. ބޮޑު ބޭބެމެންގެ ގޭގައި އެރޭ މަޑުކުރުމަށް އެދުމުން ހަދީދީ އެ ކަމަށް ހުއްދަ ދިނީ އެއީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ނިންމުމެއް ކަމުގެ ކުޑަ ވެސް ޚިޔާލެއް ނެތި އެވެ. އަމިއްލަ ގޭގައި އެކަނި އެރޭ އޭނާ ނިދީ ޖެހިގެން އަންނަ ދުވަހު އާއިލާއާ ބައްދަލު ކުރުމުގެ އުއްމީދުގަ އެވެ.
ނަމަވެސް ޔަހޫދީ ޒައަނިސްޓުންގެ އަނިޔާވެރިކަން އެއަށްވުރެ މާ ބޮޑެވެ. ފަތިހުގެ އަލި ވިލުނީ ވަރުގަދަ ހަމަލާތަކެއްގެ އަޑާއެކުގަ އެވެ. ޒާލިމް ރަހުމްކުޑަ އިޒްރޭލުގެ ސިފައިން ފޮނުވި މިސައިލްތަކުން އިމާރާތްތައް ސުންނާފަތިވެ، ސަލާމަތަށް އެދި ގޮވާ މީހުންގެ ރުއިމާއެކުގަ އެވެ.
އެރޭ އިޒްރޭލުގެ ސިފައިން ހަމަލާދީ ބިމާ ހަމަކުރި އިމާރާތްތަކުގެ ތެރޭގައި އުމަރުގެ ބޮޑުބޭބެގެ ގެ ވެސް ހިމެނުނެވެ. އެ ހަބަރު ލިބުމާއެކު ހަދީދީ އަވަސްވެގަތީ އޭނާގެ އާއިލާ ކައިރިއަށް ދާށެވެ. 400 މީޓަރު ދުރުގައި ހުންނަ އެގެއަށް އޭނާއަށް ދެވުނުއިރު މުޅި ހިސާބުގަނޑު އޮތީ ފުނޑުފުނޑުކޮށްލައިފަ އެވެ. ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށާއި އެ ލާއިންސާނީ ހަމަލާތަކުގައި ދުނިޔެ ދޫކުރި މީހުން ނެގުމުގައި އޮފިޝަލުން އަވަދިނެތި ހަރަކާތްތެރި ވަމުން ދިޔަ އެވެ.
ހަދީދީގެ އަނބިމިހާއާއި ހަތަރު ދަރިންގެ އިތުރުން އެގޭގެ މީހުން ވެސް ވީ ޒައަނިސްޓުންގެ އެ ލާއިންސާނީ ހަމަލާގައި ޝަހީދުކޮށްލި މީހުންގެ ތެރޭގަ އެވެ. ދިރިހުރި ހާލުގައި ހަދީދީއަށް ފެނުނީ ކޮންކްރީޓް ބެރިއެއްގެ ދަށުގައި ތާށިވި މަންމަގެ އުރުތެރޭގައި އޮތް އެންމެ ފަސް މަހުގެ އުމަރު އެކަންޏެވެ.
"އުމަރު ނޫނީ އަހަރެންގެ އެއްވެސް މީހަކު މިހާރު މިދުނިޔެއަކު ނެތް،" ތުއްތު އުމަރު ނިއްކުރީގައި ބޮސްދެމުން ހަދީދީ ބުންޏެވެ.
ހަމަލާގައި އެ ތުއްތު ކުއްޖާގެ ފައިގެ ތިން ތަނަކުން ބިނދިފައިވާއިރު މޫނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައި ހުއްޓެވެ.
"މިފަދަ ރަހުމު ކުޑަ އަނިޔާއެއް ހައްގުވާން އެމީހުން ކުރި ކުށަކީ ކޮބާ؟" ހަދީދީ ސުވާލު ކުރި އެވެ.
ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ އުމަރު އުރާލައިގެން އެނދެއްގައި އިށީންދެގެން އިންއިރު ހަދީދީގެ މުޅި ދިރިއުޅުން އެ ފުށް މިފުށަށް ޖެހިފައިވާކަން އެނގެ އެވެ.
ހަދީދީ ބުނިގޮތުގައި އޭނާގެ އެހެން ކުދިންނަކީ ކުޑައިރު ގާތުން ދިން ކުދިން ނަމަވެސް އުމަރަށް އެންމެ ތުއްތު އިރުއްސުރެ ވެސް ގާތުން ދެވިފައެއް ނުވެ އެވެ. އެއީ އަންނަން އޮތް އުނދަގޫ ދުވަސްތަކަށް ހެއްދެވި ފަރާތުން ލުއިކޮށްދެއްވި ލުއިކޮށްދެއްވުމެއް ކަމުގައި ހަދީދީ ގަބޫލުކުރެ އެވެ.
"އަހަރުމެން އަދި އެމީހުންނާ ބައްދަލުވާނެ. މާ ގިނަ ދުވަހެއް ނުވެ އެކަން ވެދާނެ،" ފެންކަޅިވެފައި އިނދެ ހަދީދީ ބުންޏެވެ.
އިޒްރޭލުގެ ޔަހޫދީ ދައުލަތުން ބުނާގޮތުގައި އެ މީހުންގެ އަމާޒަކީ ފަލަސްތީނުގެ ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓުންނެވެ. ނަމަވެސް އެ ނަމުގައި އެމީހުން ހަމަލާ ދެމުން އަންނަނީ ފަލަސްތީނުގެ މަދަނީ އިމާރާތްތަކާއި ސަރަހައްދު ތަކަށެވެ.
"އަހަރެން އެކަނި މި ދަރިފުޅު ބަލާބޮޑު ކުރާނަން" ނިދިފައި އޮތް އުމަރު މެއާ ގާތް ކޮށްލަމުން ހަދީދީ ބުނެލި އެވެ.
ޔާ ﷲ! ފަލަސްތީނުގެ އަޚުންނާއި އުޚްތުންގެ ގިލަންވެރިކަން ދުރުކުރައްވާށި އެވެ. އިބަ ރަސްކަލާނގެ ކުރިމަތި ކުރައްވާ އިމްތިހާން ތަކުގައި ސާބިތުވެ ހުރުމުގެ ތައުފީގު އެބައިމީހުންނަށް ދެއްވާށި އެވެ. އަދާވާތްތެރި ދުޝްމަނުންގެ މައްޗަށް އެބައިމީހުންނަށް ނަސްރު ދެއްވާށި އެވެ! އިސްލާމްދީން މަތިވެރި ކުރައްވާ މުސްލިމުން އުއްމަތް ބާރުވެރި ކުރައްވާށި އެވެ.