ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަ ކުރުމަށްޓަކައި ދިވެހިން ދަނީ ދުނިޔެއަށް ނަމޫނާ ދައްކަމުންނެވެ. ފަރުދީ ފެންވަރުގައާއި ގައުމީ ފެންވަރުގައި ވެސް ދިވެހިން ދައްކަމުން ދަނީ ސާބިތު ކަމެވެ.

މިފަހަރު މިއޮތީ ވެރިކަން ކުރާ މާލޭގެ ވާހަކަ އެކެވެ. ބައިބޯ މާލޭގެ މަލަމަތި މިރޭ ދިއްލާލައިފައި ވަނީ ފަލަސްތީނާއެކު ދިވެހިން ތިބި ކަމުގެ ކުލަގަދަ ރަމްޒަކުންނެވެ.

މާލޭގެ އުތުރު ފަރާތުގައި ހުންނަ ގައުމީ ދިފާއީ ބާރުގެ އިމާރާތެއް ކަމަށްވާ ބަންޑާރަ ކޮށީގެ ބޮޑު ސްކްރީން މިއަދާއި މިރޭ ފެނިގެން ދިޔައީ ފަލަސްތީނުގެ ދިދައިން އަލިކޮށްފައިވާ މަންޒަރެވެ. އާއްމުކޮށް މީހުން ގިނަ ފަތުރުވެރިން ވެސް އައިސް ގޮސް އުޅޭ އެ ސަރަހައްދުން ފަލަސްތީނުގެ ދިދަ ފާޅުކޮށް ފެންނަން ހުރުމަކީ ދިވެހިންގެ އިހުސާސްތައް ދުނިޔެއަށް ދައްކައިދޭނެ ކަމެކެވެ.

ހަމައެގޮތަށް މާލޭގެ ހުޅަނގު ފަރާތަށް ބަލާލި ކަމުގައި ވިޔަސް ފެންނަނީ ދާދި އެއްގޮތް މަންޒަރެކެވެ. ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުގެ ޓަވަރު ފަލަސްތީނުގެ ދިދައިގެ ކުލަތަކުން ދިއްލިފައި ވާއިރު އެ އިމާރާތުން މާލޭގެ މަލަ މައްޗަށް ފެންނަ ގޮތަށް ފަލަސްތީނުގެ ދިދަ ސިފަވާހެން ޖަރީގެ ބޮކިތައް ދިއްލާފައިވާތީ ފެނެ އެވެ.

ދިރާގުގެ ހެޑް އޮފީހުގައި ފަލަސްތީނުގެ ދިދަ ދިއްލާލައިފައި

މީގެ އިތުރުން ސްޓެލްކޯ އިން ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައިވާ ބިޔަ ޓީވީގައި ފަލަސްތީނުގެ ދިދަ އިން ވަނީ ދިއްލައިލަފަ އެވެ. މިއީ ސިނަމާލެ ބްރިޖަށް އަރަންދާ މީހުންނާއި ބްރިޖުން ފައިބައިގެންދާ ގިނަ ބަޔަކަށް ވެސް ފެންނަ ގޮތަށް ބަހައްޓާފައިވާ ބޮޑު ޓީވީ އެކެވެ.

ދުނިޔޭގައި ފާހަގަކުރާ އެކި އެކި މުނާސަބަތުތަކާއި ހާލަތުތަކާ ގުޅިގެން އެކި ގައުމުތަކުގެ އިމާރާތްތައް ދިއްލުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކެންނަ މަންޒަރެކެވެ. އެގޮތުން ދުބާއީގެ ބުރުޖް ޚަލީފާއަކީ މިގޮތަށް ދިއްލާ ދިއްލުން ތަކުގައި ފާހަގަކޮށްލެވޭ އިމާރާތެކެވެ. ނަމަވެސް މިއަހަރު އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތައް ފެށުނު ފަހުން އަދި މިހާތަނަށް އެ އިމާރާތުގައި ފަލަސްތީނުގެ ދިދަ ދިއްލާފައެއް ނުވެ އެވެ.

މިފަދަ ކަންކަމަކީ މުސްލިމުނުގެ ހައްގުގައި ނުކުންނަން ޖެހޭ ހާލަތެއްގައި ދިވެހިންގެ އެއްބައިވަންތަކަން ދުނިޔެއަށް ދައްކައިދޭ ކަންކަމެވެ.