ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ސެލީނާ ގޯމޭޒް، އޭނާ މާޒީގައި ގެންގުޅުނު ވޭޕް ކުރުމުގެ ނުރައްކާތެރި އާދައިގެ ސަބަބުން އޭނާގެ އަޑަށް ދާއިމީ ބަދަލެއް އައިސްފައިވާ ކަމަށް ފާޅުގައި ހާމަކޮށްފި އެވެ.

އިންސްޓަގްރާމް ސްޓޯރީއެއް މެދުވެރިކޮށް އޭނާ މި ވާހަކަތައް ހިއްސާ ކުރަމުން، ޒުވާނުން މިފަދަ ނުރައްކާތެރި އާދަތަކުން ދުރުވުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ސެލީނާ ބުނި ގޮތުގައި އޭނާ ދިގު މުއްދަތަކަށް ނިކޮޓިން ވޭޕް ބޭނުން ކޮށްފައިވާއިރު އޭގެ ސަބަބުން އޭނާގެ އަޑު ވަނީ މުޅިން ބަދަލުވެފަ އެވެ.

"އަހަރެންގެ އަޑު ދެން ކުރީގެ ހާލަތަކަށް ނުގެނެވޭނެ. އަހަރެން ކުރިން ވަރަށް ގިނައިން ނިކޮޓިން ވޭޕް ކުރިން،" ސެލީނާ ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނީ ނިކޮޓިންގެ "އެޑިކްޝަން" ބާރު ވަރަށް ގަދަ ކަމަށާއި، އެކަމުން ސަލާމަތްވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

"މިކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންނަށާއި، އަދި ވޭޕްކުރާ މީހުންނަށް ބުނެލަން ބޭނުންވަނީ މިއީ އެއްގޮތަކަށްވެސް ކުރުން ބުއްދިވެރިކަމެއް ނޫނޭ. މިއީ ވަރަށް މޮޔަކަމެއް" އޭނާ ބުންޏެވެ.

ސެލީނާ ވޭޕް ކުރަން ފެށީ ކޮންއިރަކު ކަމެއް ނުވަތަ އެ އާދަ ގެންގުޅުނީ ކިހާ މުއްދަތަކަށް ކަމެއް ސާފުކޮށް ބުނެފައެއް ނުވެ އެވެ.

ސެލީނާ ވަނީ މިހާރު ވޭޕް ކުރުން މުޅިން ހުއްޓާލާފައިވާކަން ހާމަކޮށްފަ އެވެ. އެއާއެކު އެހެން މީހުން ވެސް ސިއްހީ ދުޅަހެޔޮކަން ދަމަހައްޓަން މަސައްކަތް ކުރާނެކަމުގެ އުއްމީދު އެބަ އޮތްކަމަށް އޭނާ ބުންޏެވެ.