މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އޭނާގެ ހޮލީވުޑް ބޯލް ޝޯއާ ގުޅޭގޮތުން އޮންލައިންކޮށް ފެތުރިގެންދިޔަ ފާޑުކިޔުންތަކަށް ހޫނު ރައްދެއް ދީފި އެވެ.

ބައެއް ފަރާތްތަކުން އޭނާގެ ޝޯއަކީ އެކަށީގެންވާ ވަރުގެ މަސައްކަތެއް ނުކުރާ އަދި އެއްވެސް ޖޯޝެއް ނެތް ޝޯއެއް ކަމަށް ބުނެ ދެއްކި ވާހަކަތަކަށް އޭނާ ވަނީ ފާޅުގައި ރައްދުދީފަ އެވެ.

ހޮލީވުޑް ބޯލްގައި ބޭއްވި އޭނާގެ ދެވަނަ ޝޯގެ ތެރެއިން މައިލީ ވަނީ މި ފާޑުކިޔުންތަކާ ގުޅޭގޮތުން ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ސްޓޭޖުމަތީގައި ހުންނައިރު އޭނާގެ ހިތް އެކަމުގައި އޮތްތޯ ސުވާލު އުފެއްދުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަހަންނަށް ކޮންމެ ކަހަލަ ފާޑުކިޔުމެއްވެސް ބަލައިގަނެވިދާނެ. އެކަމަކު ސްޓޭޖުމަތީގައި ހުންނައިރު އެކަމުގައި އަހަރެންގެ ހިތްތޯ ނުވަތަ އަހަރެން އެކަމަށް ކިހާ ވަރަކަށް ހަރަދު ކުރަންތޯ ސުވާލު އުފެއްދުމަކީ އަހަރެން އެއްގޮތަކަށްވެސް ކެތްކުރާނެ ކަމެއް ނޫން. އަހަރެން ހުންނަނީ މުޅިން އެކަމަށް ގެއްލިފަ،" މައިލީ ބުންޏެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި ވީޑިއޯތަކުގައި ކްލިކްބެއިޓް ހޯދުމަށްޓަކައި ބައެއް މީހުން ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަ ތަކެކެވެ.

މީގެ އިތުރުން ގިނަ ދުވަސްތަކަކަށްފަހު އަލުން ސްޓޭޖަށް އެނބުރި އައުމަކީ އޭނާއަށް ފަސޭހަ ކަމަކަށް ނުވި ނަމަވެސް، ފޭނުންނަށްޓަކައި އަބަދުވެސް އެންމެ ފުރިހަމަ ހުށައެޅުމެއް ދޭނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ.