ލޯބީގެ ގުޅުމެއް ނިމުމަކަށް އައުމަށްފަހުވެސް، ކުރީގެ ލޯބިވެރިޔާ ސޯޝަލް މީޑިއާގައި ކުރާ ކަންކަން ބަލައި، އެމީހެއްގެ ޕްރޮފައިލް ބެލުމަކީ ގިނަ މީހުންގެ ކިބައިން ފެންނަ އާދަ އެކެވެ.

ނަފްސާނީ މާހިރުން ބުނާ ގޮތުގައި މިއީ ހަމައެކަނި އެމީހަކާ އަލުން ގުޅެން ބޭނުންވާތީ ކުރާކަމެއް ނޫނެވެ. މީގެ ފަހަތުގައި ނަފްސާނީ އަދި އިޖުތިމާއީ ގިނަ ސަބަބުތަކެއް އެކުލެވިގެންވެ އެވެ.

މި އާދަ އަށަގަންނަން މެދުވެރިވާ ސަބަބުތައް!

  • ފެންނަ 'ވާޗުއަލް' ހަނދާންތައް: އެކުވެރިއެއްގެ ސްޓޯރީއަކުން، އިންސްޓަގްރާމްގެ "މެމޮރީ"އަކުން ނުވަތަ "ސަޖެސްޓެޑް" އެކައުންޓްތަކުގެ ތެރެއިން އެމީހާ ފެނުމުން، އެމީހާއާ މެދު އުފެދޭ ޝައުގުވެރިކަން އިތުރުވެ ޕްރޮފައިލަށް ވަދެެވެ އެވެ.
  • އެހެން މީހުންނާ އަޅާކިއުން: އެމީހާ އުޅެނީ އުފަލުގައިތޯ، ނުވަތަ ގުޅުން ނިމުމުން އެމީހާއަށް އަސަރެއް ކުރިތޯ ބެލުމުގެ ޝައުގުވެރިކަން އުފެދެ އެވެ.
  • ނިމުމެއް ނުލިބޭ އިޙްސާސްތައް: ގުޅުން ނިމުނު ނަމަވެސް ހިތުގައި ހުންނަ އިހްސާސްތަކާއި، އެމީހާ މާ އަވަހަށް "މޫވް އޮން" ވީ ކީއްވެގެންތޯ ބަލަން ބޭނުން ވުމެވެ.
  • ކަންކަން އޮޅުންފިލުވުމުގެ ނުވަތަ "ފޯމޯ" އިހްސާސް: އެމީހާގެ ދިރިއުޅުމުގައި ހިނގާ ކަންކަން ނޭނގިދާނެތީ ބިރުގަތުމާއި، ފޫހިވާ ވަގުތުތަކުގައި އާދައިގެ މަތިން ސާޗް ކޮށްލެވުމެވެ.

މި އާދައިން މިންޖުވުމަށް މާހިރުން ދެއްވާ 5 އިރުޝާދެއް!

  1. އާދަ ފެށޭ ސަބަބު ދެނެގަތުން: އެންމެ ފުރަތަމަ ފޫހިވާ ވަގުތުތަކުގައި ނުވަތަ އެކަނިވެރިވާ ވަގުތުތަކުގައި ސޯޝަލް މީޑިއާ ބެލެނީ ކީއްވެގެންކަން ދެނެގަނެ، އެފަދަ ވަގުތުތަކުގައި އެހެން ކަމަކައިގެން މަޝްއޫލު ވާށެވެ.
  2. ޕްރޮފައިލް ނުފެންނާނެ ގޮތް ހެދުން: އެމީހެއްގެ އެކައުންޓް 'މިއުޓް' ކުރުން، 'އަންފޮލޯ' ކުރުން ނުވަތަ މެސެޖުތައް އާކައިވްކޮށް، ފަސޭހައިން ޕްރޮފައިލަށް ނުވަދެވޭނެ ގޮތް ހަދާށެވެ.
  3. އިހްސާސްތައް މަޑުޖައްސާލުން: ޕްރޮފައިލް ބަލާލަން ހިތަށްއަރާ ވަގުތު ވަގުތުން އެކަން ނުކޮށް، 10 ނުވަތަ 15 މިނެޓު މަޑުކޮށްލާށެވެ. ލަވައެއް އަޑުއަހާލުން ނުވަތަ ހިނގާލަން ދިއުން ފަދަ ކަމެއްކޮށްލުމުން އެ ހިޔާލު ދުރުވެގެންދާނެ އެވެ.
  4. ސޯޝަލް މީޑިއާއަކީ ހަގީގަތް ނޫންކަން ގަބޫލު ކުރުން: ސޯޝަލް މީޑިއާގައި މީހުން ދައްކުވައިދޭނީ އެމީހުންގެ ދިރިއުޅުމުގެ އެންމެ އުފާވެރި މަންޒަރުތަކެވެ. އެއީ އެމީހެއްގެ މުޅި ދިރިއުޅުމުގެ ހަގީގީ މަންޒަރެއް ނޫނެވެ.
  5. ނަފްސާނީ ނުވަތަ ނޭދެވޭ އަސަރުތަކަށް ސަމާލުވުން: ޕްރޮފައިލް ބެލުމަށްފަހު މާޔޫސްވުން، ހަސަދަވެރިވުން ނުވަތަ ނިދި ގެއްލޭ ގޮތް ވާނަމަ، އެކަމުން އަމިއްލަ ނަފްސަށް ލިބެނީ ބޮޑު ގެއްލުމެއްކަން ވިސްނައި އެކަން ހުއްޓާލުމަށް އަޒުމް ކަނޑައަޅާށެވެ.