ހޫތީންގެ ވައިގެ ހަމަލާތަކުން ސައުދީ އަރަބިއްޔާގެ ސިޓީތަކާއި ގައުމީ މުހިންމު ވަސީލަތްތައް ހިމާޔަތްކުރުމަށް އެހީތެރިވުމުގެ ގޮތުން، ރޯޔަލް އެއާ ފޯސްގެ ޓައިފޫން މަރުކާގެ ހަނގުރާމަމަތީ ބޯޓުތަކުން ދިފާއީ އޮޕަރޭޝަންތަކެއް ފަށާނެ ކަމަށް އިނގިރޭސިވިލާތުގެ މިނިސްޓްރީ އޮފް ޑިފެންސުން އަންގާރަ ދުވަހު ހާމަކޮށްފި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ބޯޓުތައް ބޭނުންކުރާނީ ހަމައެކަނި ދިފާއީ ބޭނުންތަކުގަ އެވެ. އީރާނާ ގުޅުން އޮންނަ ހޫތީންނާ ދެކޮޅަށް އިސްވެ އެއްވެސް ހަމަލާއެއް މި ބޯޓުތަކުން ނުދޭނެ އެވެ. އިނގިރޭސިވިލާތުން ދެކޭގޮތުގައި ހޫތީންގެ ހަމަލާތަކަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ އިތުރުން، ހަކަތަ ފޯރުކޮށްދިނުމަށާއި ވިޔަފާރީގެ މަގުތަކަށް ބުރޫއަރާފާނެ ކަމެކެވެ.

އިނގިރޭސި ޑިފެންސް މިނިސްޓަރު ވެސް ސްޓްރީޓިންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުގެ އެކުވެރި ސައުދީ އަރަބިއްޔާއަށް ހޫތީން ދެމުންގެންދާ ހަމަލާތަކަކީ ވަރަށް ދަށުދަރަޖައިގެ އަމަލުތަކެއް ކަމަށެވެ. އަދި ހާއްސަކޮށް ރިޔާޟްގެ އެއާޕޯޓަށް އަމާޒުކޮށް ދޭ ހަމަލާތަކުން އެނގިގެންދަނީ ސަރަހައްދީ މަސްލަހަތު ނަގާލުމަށް ހޫތީން މަސައްކަތްކުރާ މިންވަރު ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަބަބަށްޓަކައި، އިނގިރޭސި އަސްކަރިއްޔާއިން އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް މިއަދު ހުއްދަ ދީފައިވާނެ ކަމަށާއި، ޑްރޯން އަދި މިސައިލް ހަމަލާތަކުން ސައުދީގެ ވައިގެ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި އާރްއޭއެފް ޓައިފޫން ބޯޓުތަކުން ދިފާއީ އޮޕަރޭޝަންތައް ހިންގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އެހީތެރިކަން ފޯރުކޮށްދޭން ނިންމީ ސައުދީ ސަރުކާރުގެ އެދުމުގެ މަތިންނެވެ. މި މަހުގެ ކުރީކޮޅު ބޮޑުވަޒީރު އެންޑީ ބާންހަމް ވަނީ ސައުދީގެ އެދުމާ މެދު ގޮތެއް ނިންމުމަށް އިނގިރޭސިވިލާތް އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، އެޓްލާސް A400M މަރުކާގެ މުދާ އުފުލާ ބޯޓަކާއި އަސްކަރީ މުޝީރުން ފޮނުވުމަށް ވެސް އިނގިރޭސިވިލާތުން ވަނީ ނިންމާފަ އެވެ. މިއީ ސެޕްޓެމްބަރު މަހު އިއުލާންކުރި އެހީގެ އިތުރު ކުރިއެރުމެކެވެ. އޭރު އިއުލާންކުރި އެހީގައި ހަނގުރާމަމަތީ ބޯޓުތައް ހިމެނިފައި ނުވި ނަމަވެސް، ވައިގެ ތެރޭގައި ތެޔޮ އެޅުމަށް ބޭނުންކުރާ އާރްއޭއެފް ވޮޔޭޖާ ބޯޓެއް ހިމެނިފައިވެ އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ ގޯސްވަމުންދާ ވަރަކަށް، ސައުދީގެ ތެޔޮ އުފައްދާ މަރުކަޒުތަކަށާއި އެހެނިހެން ވަސީލަތްތަކަށް ހޫތީން ދޭ ހަމަލާތައް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޔަމަނުގެ ތެރޭގައި، ސައުދީގެ އެހީތެރިކަން ލިބޭ ސަރުކާރުގެ ސަލާމަތީ ބާރުތަކުން ތަމްރީނު ހަދަމުންދިޔަ ކޭމްޕަކަށް ހޫތީން ހޯމަ ދުވަހު ދިން ހަމަލާއެއްގައި 58 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.