މީގެ ހަ އަހަރު ކުރިން އެމެރިކާއަށް ދިރިއުޅުން ބަދަލުކުރުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަން ނައްތާލައި، ބައްޕާފުޅު ކިންގް ޗާލްސް އާއި އާއިލާގެ އެހެން މެންބަރުންނާ އަލުން ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށް ޕްރިންސް ހެރީ ބުނެފި އެވެ.
ރަސްގެފާނުގެ ހަގު ދަރިކަލުން، އުމުރުން 42 އަހަރުގެ ހެރީ އާއި އަނބިކަނބަލުން މޭގަން 2020 ވަނަ އަހަރު ޝާހީ ޒިންމާތަކުން ވަކިވެ، ކެލިފޯނިއާއަށް ބަދަލުވުމަށްފަހު، ޝާހީ އާއިލާއަށް އަމާޒުކުރެއްވި ފާޑުކިޔުންތަކުގެ ސަބަބުން އިނގިރޭސި ޝާހީ އާއިލާގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދުނެވެ. ފާއިތުވި އަހަރުތަކުގައި ހެރީގެ ބޭބޭފުޅު ޕްރިންސް ވިލިއަމްއާ ވާހަކަދެއްކުން މަދުވެފައިވާއިރު، ބައްޕާފުޅާ ބައްދަލުވެފައިވަނީ ވެސް ވަރަށް ފަހުންނެވެ. ދާދިފަހުން އަނބިކަނބަލުންނާއި ދެ ދަރިކަލުންނާއެކު އަލުން އިނގިރޭސިވިލާތަށް ބަދަލުވެވުމަށްފަހު، 'ޖީކިއު' މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ހެރީ ބުނީ އާއިލީ މައްސަލަތައް ހައްލުކުރަން ބޭނުންފުޅުވާ ކަމަށެވެ.
"އެންމެ މުހިންމު ކަމަކީ އަލުން ގުޅުން ބަދަހިކުރުން"
"ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންކަމަށް ބަލާއިރު، އެންމެ މުހިންމު ކަމަކީ އަލުން ގުޅުން ގާއިމުކުރުން،" ހެރީ ބުންޏެވެ. އޭނާގެ އާއިލީ މަސްރަހަށް މީހުންގެ ޝައުގުވެރިކަން ހުންނަ ސަބަބު ބަލައިގަންނަ ކަމަށާއި، ސަބަބަކީ ގިނަ ބަޔަކަށް އެފަދަ ހާލަތްތައް ތަޖުރިބާކުރެވިފައިވުން ކަމަށް ވެސް ހެރީ ވަނީ ބުނެފަ އެވެ..
"އެއްބަނޑު އެއްބަފާ މީހުންގެ މެދުގައި ހިޔާލުތަފާތުވުންތައް ހުރޭ. މައިންބަފައިންނާއި ދަރިންގެ މެދުގައި، ނުވަތަ ބައްޕަ ނޫނީ މަންމައާ ދަރިންގެ މެދުގައި ގުޅުން ކެނޑިފައި އެބަހުރޭ،" އޭނާ ބުންޏެވެ. ގުޅުން ބަދަހިކުރަން ކުރާ މަސައްކަތުން ބައެއް މީހުންނަށް ހިތްވަރު ލިބި، އެމީހުންގެ އަމިއްލަ ގުޅުންތައް ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އޭނާ ފާހަގަކުރި އެވެ.
"ބައެއް މީހުން ބޭނުމެއް ނުވޭ މިކަން ކާމިޔާބުވާކަށް. އެކަމަކު އަހަރެން ބޭނުންވަނީ މިކަން ކާމިޔާބުވާން،" ހެރީ އިތުރަށް ބުންޏެވެ. ހެރީގެ ތަރުޖަމާނު ބުނި ގޮތުގައި އެ ވާހަކަތަކަކީ ޕްރިންސް ވިލިއަމްއަށް ނުވަތަ އާއިލާގެ އެހެން މެންބަރަކަށް އަމާޒުކޮށް ވިދާޅުވި އެއްޗެއް ނޫނެވެ.
ޑިއުކް އޮފް ސަސެކްސް، ހެރީ އިތުރަށް ބުނީ ލިބޭ ޒަހަމްތަކުގެ ނިޝާންތައް ދާއިމަށް ހުރި ނަމަވެސް، މާޒީގެ ކަންކަން ހަނދާން ނައްތާލުމަށް އެންމެންނަށް ހިތްވަރުދޭން ބޭނުންވާ ކަމަށެވެ. "މި ދުނިޔޭގައި އަދި މީހުންގެ ދިރިއުޅުމުގައި ވެސް، އާއިލީ މައްސަލަތައް ދެމެހެއްޓުމަށްވުރެ މާ ބޮޑެތި ކަންކަން އެބަހުރި. އެއީ އެކަމަށް އޮތް ފުރުސަތެއް ނޫން،" އޭނާ ބުންޏެވެ.
ދަރިން އިނގިރޭސިވިލާތުގެ ސްކޫލަށް ދާތީ ހެރީ ހުރީ އުފަލުން
މި ދިގު އިންޓަވިއުގައި ހެރީ ވަނީ އޭނާގެ އުމުރުން 12 އަހަރުގައި މަންމާފުޅު ޕްރިންސަސް ޑަޔާނާ ވަކިވެދިޔުމުން ކުރި އަސަރާއި، ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ ވެސް ދައްކާފަ އެވެ. ނަމަވެސް، އަލުން އިނގިރޭސިވިލާތަށް ބަދަލުވި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން ބުނީ، ދަރިކަލުންނަށް އިނގިރޭސިވިލާތުގެ ސްކޫލަކުން ތައުލީމު ދެވުމަކީ އޭނާއަށް ވަރަށް ބޮޑު މާނައެއް ހުރި ކަމެއް ކަމަށެވެ.
އަދި އިނގިރޭސި ނޫސްވެރިންނާ އޮތް ހީނަރު ގުޅުން ވެސް ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.
"ދުނިޔޭގައި ހިނގާ އެހެން ކަންކަމެކޭ އެއްފަދައިން، މާޒީގައި ހިނގާފައިވާ ކަންކަމުގެ ތެރެއިން އަހަރެންނާއި، އަހަރެންގެ އާއިލާ އަދި އިނގިރޭސި ބައެއް ނޫސްތަކުން ވެސް ދޫކޮށްލަން ބޭނުންވާ ކަންތައްތަކެއް ހުންނާނެ ކަން ޔަގީން. އެންމެންގެ ލާބަޔަށްޓަކައި އެކަންކަން ފަހަތަށް ދޫކޮށްލަންޖެހޭ،" ހެރީ ބުންޏެވެ.
އިމާރާތްތަކުގައި ހުޅުޖަހަން ގޮވާލި ޒިހާން ހައްޔަރުކޮށްފި
ހިތުގެ ސިއްހަތަށް ގެއްލުންދޭ ދިރިއުޅުމުގެ "ރަނގަޅު" އާދަތަކެއް!
ފުލުހުންގެ "ވައި ޕްލަސް" ސެކިއުރިޓީ ލިބޭ ބޮލީވުޑް ތަރިން!
