ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހާ ގޮތަށް ގަވާއިދު އިސްލާހު ކުރަނީ ސަރުކާރުގެ މަޝްރޫއުތަކާ ގުޅޭގޮތުން ފާޅުކުރާ ކަންބޮޑުވުންތަކަށް ހުރަސްއެޅުމަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅިގެން އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފުސީލުތައް ހާމަކުރަން ގޮވާލައި ހުށަހެޅި ގަރާރާއެކު، މަޖިލީހުގެ ގަވާއިދު ބަދަލުކުރުމުގެ މަސައްކަތް ފެށިގެން ދިޔަ ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން ދިވެހި ދައުލަތަށާއި މަޖިލީހަށް ފޯރުވާނެ ނުފޫޒު ސާފުވެގެންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ޕީއެންސީގެ އެންގުމަށް މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ހުށަހެޅުއްވީ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އެވެ. އެ އިސްލާހުގައިވާ ގޮތުން، މަޖިލީހަށް ހުށަހަޅާ ގަރާރުތައް ބަލައިގަތުމާމެދު ވޯޓަށް އަހާނީ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިންނެވެ. އެ ވޯޓުން ގަރާރު ބަލައިނުގަންނަން ނިންމައިފި ނަމަ، އެ ގަރާރެއް ބާތިލުވާނެ އެވެ.
މަޖިލީހުގައި މިހާރު އަމަލުކުރަމުންދާ ގަވާއިދު އޮންނަ ގޮތުން، ގަރާރެއް ބަލައިގަތުމާމެދު ވޯޓު ނަގަނީ އެ ގަރާރަކަށް މެންބަރުން ބަހުސްކުރެއްވުމަށްފަހު އެވެ. މަޖިލީހަށް ގަރާރު ހުށަހެޅުމުގެ ފުރުސަތު ކޮންމެ މެންބަރަކަށް ވެސް ދީފައި އޮންނަނީ ތަފާތު އެކި މައްސަލަތައް މެންބަރުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުންނެވެ.
މެންބަރު މީކާއިލް ހުށަހެޅުއްވި ގަރާރުގައި، ދައުލަތުގެ މިލްކިއްޔާތާ ގުޅޭ ކަންކަން ގާނޫނާ އެއްގޮތަށް ކުރުމަށާއި ސަރުކާރުން ސިއްރުކުރަމުންދާ މައުލޫމާތުތައް ރައްޔިތުންނަށް ހާމަކުރުމަށް ވަނީ ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ 500 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމުގެ މައްސަލައިގައި ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.
ސައުދީގެ ދިފާއުގައި ޔޫކޭއިން ވައިގެ ދިފާއީ ހަރަކާތްތަކެއް
ވޭޕް ކުރުމުގެ ސަބަބުން އަޑު ބަދަލުވި ކަމަށް ސެލީނާ ބުނެފި
ހޮލީވުޑް ބޯލް: އަމާޒުވި ފާޑުކިޔުންތަކަށް މައިލީގެ ހޫނު ރައްދެއް!
