ބްލޮކް ގްރާންޓުގެ ގޮތުގައި ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ދޭން ޖެހޭ 74 މިލިއަން ރުފިޔާ ވޭތުވެދިޔަ ތިން މަހުގެ ތެރޭގައި ކަނޑާލާފައިވާ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވާ އެ ފައިސާ އުނިކުރުމަކީ ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ހުރަސްއެޅުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭ ކަމަށެވެ. އެހެންނަމަވެސް، ކައުންސިލްގެ ބަޖެޓު ހުރި މިންވަރަކުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ބަޖެޓުން ފައިސާ ކަނޑާލީ ކައުންސިލުން ދޭ ހިދުމަތްތަކަށް ގާބިލު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. މީގެ ސަބަބުން އިތުރު މުވައްޒަފުން ނެގުމުގެ ކަންކަމަށް ހުރަސްއެޅި، ކައުންސިލްގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތަކަށް ބޮޑެތި ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މުހިންމު 14 ބިމެއް ސަރުކާރަށް ނެގުމުން އެ ތަންތަނުން ލިބެމުން ދިޔަ އާމްދަނީ ވެސް ބަންދުވެފައިވާކަން މޭޔަރު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން ކައުންސިލަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދިޔަ ވެހިކަލް ފީގެ އާމްދަނީ ގެއްލުމުން މާލީ ދަތިކަން އިތުރަށް ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ދެމުންދިޔަ މާލީ އެހީތައް ކަނޑާލުމުގެ ސަބަބުން ކައުންސިލްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ވެސް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް މޭޔަރު ވިދާޅުވި އެވެ. މި ކަންކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، ފިނޭންސް މިނިސްޓްރީއަށް ސިޓީއަކުން މިހާރު ވަނީ އަންގާފަ އެވެ.

ކުރިން ސިޓީ ކައުންސިލްގެ ދަށުގައި އޮތް މާލެ ސަރަހައްދުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ބެލެހެއްޓުމުގެ ޒިންމާ ގާނޫނުގެ ދަށުން ވަނީ އަލަށް އުފެއްދި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ ހަވާލުކޮށްފަ އެވެ. މިއާއެކު ވެހިކަލް ފީގެ ގޮތުގައި ލިބޭ އާމްދަނީ ދެން ޖަމާވާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ލޭންޑް ޓްރާންސްޕޯޓް މޮބިލިޓީ ފަންޑަށެވެ.