ރާއްޖޭގެ މޫސުން ގޯސްވެ، ކުރިއަށް އޮތް ތިން ދުވަހު ވެސް ވައިގަދަވެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި، ރާއްޖެ ހިމެނޭ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު މިވަގުތު ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ. އަދި އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ އަސަރު ރާއްޖެއަށް ކުރަމުންދާއިރު، ރާއްޖޭގެ ހުޅަނގު ފަރާތުން އުފެދޭ ބޯ ވިއްސާރަ ވިލާތައް ދަނީ އަތޮޅުތަކުގެ މައްޗަށް ފެތުރެމުންނެވެ.

މި މޫސުމީ ހާލަތާ ގުޅިގެން، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ހާއްސަކޮށް، ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ވަޔާއި ކަނޑުތައް އާދަޔާ ހިލާފަށް ގަދަވާނެ ކަމަށް މެޓުން އިންޒާރު ދެއެވެ.

މޫސުން އިތުރަށް ގޯސްވަމުންދާތީ، ހުރިހާ ރައްޔިތުންވެސް މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ. ވަކިން ހާއްސަކޮށް، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ކަނޑުދަތުރުފަތުރުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް މެޓް އޮފީހުން ވަނީ ނަސޭހަތްތެރިވެފަ އެވެ.