ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން ސޯޝަލް މީޑިއާގައި ގޮވާލި މައްސަލައެއްގައި އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކުގައި ހުއްޓައި ރޭގެ ވަގުތެއްގަ އެވެ. ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައި، ޒިހާން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓުގައި ވަނީ އެކަން ކުރުމަށް ހިތްވަރުދީފަ އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރީ ފުވައްމުލަކު ކޯޓަށެވެ.
އޭނާ ކުރި ޕޯސްޓުގައި އެފަދަ ތަނެއްގައި ރޯކޮށްލައިފިނަމަ މަޖާވާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، އެ ސްޓޭޓަސް ޖެހިތާ 1 ގަޑިއިރުގެ ތެރޭގައި އޭނާ ވަނީ އެ ޕޯސްޓު ސޯޝަލް މީޑިއާއިން ޑިލީޓްކޮށްފަ އެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން ތައުލީމު ހާސިލުކުރައްވައި، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޒިހާން ސިފައިންގެ ހިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގަ އެވެ.
އޭގެ ފަހުން މި ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިނެވެ. ފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ދެ އެއާލައިނެއްގެ ހިދުމަތް ޓާމިނަލް 2 އަށް ބަދަލުކޮށްފި
ޝަރުތުތައް ފުރިހަމަނުވަނީސް މަޝްވަރާ ނުކުރާނެކަމަށް އީރާން ބުނެފި
