ޔޫކްރެއިނާއި އެމެރިކާއާއެކު ބާއްވާ ސުލްހައިގެ ތިންފަރާތް ހިމެނޭ މަޝްވަރާތައް އަލުން ފެށުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން އެއްބަސްވެވަޑައިގެންފި އެވެ.
މިކަން ކްރެމްލިންއިން ހާމަކުރީ، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ވިލާތުގައި ހިނގަމުންދާ އެންމެ ލޭއޮހޮރުވުން ބޮޑު ހަނގުރާމަ ހުއްޓުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފްއާ ޕުޓިން ބައްދަލުކުރެއްވުމަށްފަހުގަ އެވެ.
ސެއިންޓް ޕީޓަސްބާގްގެ ގަނޑުވަރެއްގައި ކުރިއަށްދިޔަ މި މަޝްވަރާތަކަކީ ވިޓްކޮފް ޕުޓިންއާ ބައްދަލުކުރެއްވި ނުވަވަނަ ފަހަރެވެ. މި ބައްދަލުވުން ފެށިގެންދިޔައީ ރަޝިޔާގެ ފަރާތުން އިސްކުރި ހެޔޮނިޔަތުގެ ރަމްޒެއްގެ ގޮތުން، ރަޝިޔާގައި ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ކުރީގެ ޓީޗަރު ސްޓެފަން ހަބާޑް މިނިވަންކުރުމާއެކުގަ އެވެ. އޭނާ މިނިވަންކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މީގެކުރިން އެދިވަޑައިގެންފަ އެވެ.
ބުދަ ދުވަހުގެ މި ބައްދަލުވުން ބާއްވާފައިވަނީ، އެމެރިކާއިން ޔުކްރޭނަށް ދެމުންދާ އެއްބާރުލުން ކުޑަކުރަމުންދާ ކަމަށް ބުނެ ކިއީވްއާއި އެގައުމުގެ ބައިވެރިންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ ތެރޭގައި ރަޝިޔާގެ ހަމަލާތަކާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުން މަޑުޖައްސާލުމާއި، ޔުކްރޭންގެ އަސްކަރީ މުވާސަލާތީ ނިޒާމަށް ބުރޫއަރާފައިވާ ކަމުގެ ޝަކުވާތައް ހިމެނެ އެވެ.
އަލަށް ބާއްވާ މި މަޝްވަރާތައް އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ނުވަތަ އެއަށްފަހު އަބޫދާބީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ފަންނީ ފެންވަރުގައި ކުރިއަށްދާ މި ބައްދަލުވުންތަކުގެ މައިގަނޑު އަމާޒަކީ ހަނގުރާމަ ނިމުމުން ޔުކްރޭނާއި ރަޝިޔާގެ ސަލާމަތީ ކަންކަން ކަށަވަރުކުރާނެ ގޮތްތަކާ މެދު މަޝްވަރާކުރުމެވެ. އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކުރި އެންމެ ފަހުގެ ސުލްހައިގެ ވާހަކަތައް ބާއްވާފައިވަނީ، އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ފެބްރުއަރީ މަހުގަ އެވެ.
ކްރެމްލިންގެ އެހީތެރިޔާ ޔޫރީ އުޝަކޯވް ވިދާޅުވި ގޮތުގައި، ވިޓްކޮފް އާއި ޔުކުރޭނުގެ ރައީސް ޒެލެންސްކީ އޮސްލޯގައި ބޭއްވި ބައްދަލުވުމުގައި ޔުކުރޭނުން އާ ހިޔާލުތަކެއް ހުށަހެޅި ނަމަވެސް، އޭގެ ތެރޭގައި ރަޝިޔާ މުޅިން ހިތްހަމަޖެހޭ ފަދަ ކަންތައްތަކެއް ނެތެވެ.
މީގެއިތުރުން، އަންނަ މަހު ޗައިނާގައި ރައީސް ޓްރަމްޕާއި، ރައީސް ޕުޓިން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރެއްވުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ. އަދި އީރާނުގެ ނިއުކްލިއާ މައްސަލައިގައި އެމެރިކާގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ރަޝިޔާއިން އެހީތެރިވެދިނުމަށާއި، އެމެރިކާގެ ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާ ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެސް ޕުޓިން ވާހަކަދެއްކެވި އެވެ.
ނަމަވެސް، ހަނގުރާމައިގެ މައިގަނޑު މަގުސަދުތަކުގައި ޕުޓިން ދޫދެއްވާނެ ކަމުގެ ނިޝާނެއް ނުފެނެ އެވެ. އޭގެ ތެރޭގައި އިރުމަތީ ޔުކްރޭންގެ ޑޮނެޓްސްކް ސަރަހައްދު ފުރިހަމައަށް ރަޝިޔާގެ ދަށަށް ގެނައުމާއި، ޔުކްރޭނަށް ނޭޓޯގެ މެންބަރުކަން ނުލިބުން ހިމެނެ އެވެ.
އެމެރިކާއާއި ޔުކްރޭންގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މީގެ މައިގަނޑު ސަބަބަކީ އެމެރިކާގެ ތެލުގެ އަގު ހެޔޮކުރުމަށްޓަކައި ރަޝިޔާއާއެކު ޑީސަލް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއް ޓްރަމްޕް ގާއިމުކުރެއްވުމެވެ. މީގެއިތުރުން، ޔުކްރޭނުން ބޭނުންކުރާ ސްޓާލިންކް ސެޓެލައިޓް ނިޒާމުގެ ދުވެލި މަޑުކުރުމަށް އީލޮން މަސްކް އަމުރުކުރި ކަމަށް ބުނާ ރިޕޯޓްތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް އެމެރިކާ ސަރުކާރުން ވަނީ ޔުކްރޭނަށް ސްޓާލިންކް ބޭނުންކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެފަ އެވެ.
އެންމެ 20 މިނެޓު ހިނގާލުމުން ވެސް ސިއްހަތަށް ބޮޑު ތަފާތެއް!
މަގާމުން ވަކިކުރަން ނިންމުމުން ގާޒީ އިހްސާން އިސްތިއުފާދެއްވައިފި
