ރައްޔިތުންގެ މަޖިލީހުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި، އަދި ސަރުކާރަށް ވެސް ނަތީޖާއެއް ނެރެދެވިފައި ނުވާ ދަނޑިވަޅެއްގައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ވަޒީރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ނިންމި ނިންމުމަކީ ދިވެހި ރައްޔިތުންނަށް ކުރި މަލާމާތެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށްވުރެ ދަށު ދަރަޖައިގެ މަޖިލީހެއް ރާއްޖޭގެ ތާރީހުގައި ވެސް އަދި ފެނިފައި ނުވާ ކަމަށެވެ. އަދި ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުން ދިރިއުޅުމުގެ ބޮޑު ދަތިކަމެއް ތަހައްމަލު ކުރަމުންދާ ވަގުތެއްގައި، ސަރުކާރުގެ ވެރިންނާއި މަޖިލީހުގެ ވެރިންގެ ޖީބު ބޮޑުކުރަން ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ތަކެތީގެ އަގުތައް އުފުލި އެތައް ބަޔަކު ދަތީގައި އުޅެމުންދާ މި ދަނޑިވަޅުގައި މިއީތޯ ނުކުރެވި އޮތް ކަމަކީ؟" ސަރުކާރާއި މަޖިލީހުގެ ނިންމުމަށް ފާޑުވިދާޅުވަމުން ފައްޔާޒު ސުވާލު އުފެއްދެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމި ނިންމުމާ ގުޅިގެން މަޖިލީހުގެ ރައީސާއި ވަޒީރުންގެ އިނާޔަތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. މަޖިލީހުގެ ރައީސް ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގަންނަވާތީ، މީގެ ކުރިން ލިބިވަޑައިގަންނަވަނީ މުސާރައާއި އިނާޔަތްތަކާއެކު މަހަކު 73،000 ރުފިޔާ އެވެ. ނަމަވެސް، މަޖިލިސް މެންބަރުންނަށް ކޮމިޓީ ހާޒިރީއަށް ބަލައި 20،000 ރުފިޔާއާ ހަމައަށް އެލަވަންސް ލިބޭއިރު، މަޖިލީހުގެ ނައިބު ރައީސަށް ޖުމްލަ 91،000 ރުފިޔާ ލިބެމުންދާތީ، މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އިތުރު އެލަވަންސެއް ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. މި ބަދަލާއެކު މަޖިލީހުގެ ރައީސްގެ މަހު އާމްދަނީ 95،000 ރުފިޔާއަށް އަރާނެ އެވެ.
މީގެ އިތުރުން ވަޒީރުންގެ ޑްރައިވަރުންގެ އެލަވަންސްތައް ވެސް ވަނީ ވަރަށް ބޮޑަށް ބޮޑުކޮށްފަ އެވެ. މީގެ ކުރިން ޑްރައިވާސް އެލަވަންސްގެ ގޮތުގައި ދެމުން އައި 7،500 ރުފިޔާ (ޕެޓްރޯލަށް 1،000ރ. އަދި ޑްރައިވިން އެލަވަންސަށް 6،500ރ.) ގެ ބަދަލުގައި، މިހާރު ވަނީ ޕެޓްރޯލަށް 2،000 ރުފިޔާ، ޑްރައިވަރުންގެ މުސާރައަށް 12،000 ރުފިޔާ އަދި ލިވިން އެލަވަންސަށް 3،000 ރުފިޔާ ހިމެނޭހެން ޖުމްލަ 17،000 ރުފިޔާ ދިނުމަށް ފާސްކޮށްފަ އެވެ. މި ބަދަލާއެކު، މީގެ ކުރިން އިނާޔަތްތަކާއެކު 66،000 ރުފިޔާ ލިބެމުންދިޔަ ވަޒީރަކަށް ދެން މަހަކު 75،500 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.
އިގްތިސާދީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅުގައި، ދައުލަތުގެ އިސް ވެރިންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި އާންމުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.
ސައުދީ އަރާމްކޯއަށް ދިން ހަމަލާއެއްގައި 2 މީހުން މަރުވެއްޖެ
"ކޭ3ޖީ" ބައްލަވަން ޕްރިންސް ވިލިއަމްގެ ވައުދު ފުޅެއް!
ކެންސަރު ފަރުވާގެ ނަތީޖާ އިންސާނާގެ މޫނުން ދެނެގަނެވިދާނެ؟
މަޖިލީހުގެ ރައީސްގެ މުސާރަ 95,000 އަށް ބޮޑުކޮށްފި