އައްޑޫ ހުޅުދޫ ކައުންސިލްގެ ރައީސް ޖާދުﷲ ޖަމީލްގެ މައްސަލަ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ފޮނުވުމުގެ ކުރިން، ކަންކަން އިސްލާހުކުރުމަށް އެ ޕާޓީގެ ލާމަރުކަޒީ ކޮމިޓީން އަންގައިފި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ހުޅުދޫ ކައުންސިލްގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ހުރެ ކައުންސިލްގެ މަސައްކަތްތައް މަރުތަޅެއްގައި އޮތުމުން، އެ ރަށުގެ ރައްޔިތުންނާއި ޕާޓީގެ އާންމު މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
އެ ކައުންސިލްގެ އެތެރޭގައި ދިމާވެގެން އުޅޭ މައިގަނޑު މައްސަލައަކީ، ކައުންސިލްގެ މެންބަރުންނާ ހިއްސާނުކޮށް ރަސްމީ ޖަލްސާތަކުން ކަންކަން ނިންމުމުގެ ބަދަލުގައި ޖާދުﷲ އަމިއްލައަށް ކަންކަން ކުރެއްވުމެވެ. މީގެއިތުރުން ކައުންސިލްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމުގައި ހުންނެވި، ޕީއެންސީގެ ޓިކެޓުގައި ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވި މޫސާ ސިއްދީގުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ކައުންސިލަރުން ހުށަހެޅުމުންވެސް، ޖާދުﷲ އެ މައްސަލަ އެޖެންޑާ ނުކުރައްވައި ހިފަހައްޓަވާފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކުރެވިފަ އެވެ.
އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ސޮއިކުރައްވައި ޖާދުﷲއަށް ފޮނުއްވި ސިޓީގައި ވަނީ، ޕާޓީން ދިން އިރުޝާދުތަކާ އެއްގޮތަށް ކަންކަން ރަނގަޅުކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ހަ ކަމެއް 10 ދުވަހުގެ ތެރޭގައި ރަނގަޅުކުރުމަށް މިދިޔަ ސެޕްޓެމްބަރު 20 ގައި އެންގި ނަމަވެސް އެ ކަންކަން ރަނގަޅުކޮށްފައި ނުވާ ކަމަށާއި، މިހާތަނަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ޖިނާއީ މައްސަލައަކަށް ހުށަހެޅިދާނެ ފަދަ ކަންކަންވެސް ހިމެނޭ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި އިސްލާހުނުވެއްޖެ ނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވަނީ އަންގާފަ އެވެ.
މިކަމާ ގުޅިގެން އަލީ ނިޔާޒު ވިދާޅުވީ، އެ ސިޓީއަކީ ފިޔަވަޅު އަޅާ ކޮމިޓީއަށް މައްސަލަ ފޮނުވުމުގެ ކުރިން ކަންކަން އިސްލާހުކުރުމަށް އެންގި އެންގުމެއް ކަމަށެވެ. އަދި އެ މައްސަލައިގެ "ފެކްޓް ފައިންޑިން" ރިޕޯޓްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ކުރިއަށްއޮތް އާދީއްތަ ދުވަހު އޮންނަ ކޮމިޓީ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
ހުޅުދޫ ކައުންސިލްގެ ފަސް މެންބަރުންގެ ތެރޭގައި ކައުންސިލްގެ ރައީސް ޖާދުﷲ ހިމެނޭހެން އެމްޑީޕީގެ ހަތަރު ކައުންސިލަރުން ތިއްބަވާއިރު، މައްސަލަ އުފެދިގެން އުޅެނީ ޖާދުﷲއާއި ދެން ތިއްބެވި އެމްޑީޕީގެ ތިން ކައުންސިލަރުންގެ މެދުގަ އެވެ.
ވިއްސާރައިގައި މާލޭގެ 80އަށް ވުރެ ގިނަ ތަނަށް ފެން ވަދެފައިވޭ
މޯލްޑިވްސް އެކްސްޕޯގެ ބޭންކިން ޕާޓްނަރަކަށް ބީއެމްއެލް
ބަދަލު ހޯދުމުގެ ހައްގު މެޑިކުއިޕް ކުންފުންޏަށް އޮންނާނެ: ހައިކޯޓް