މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފި އެވެ.
އެންޑީއެމްއޭއިން މިއަދު އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހދ. ނޮޅިވަރަންފަރާއި އެ އަތޮޅު ކުޅުދުއްފުށި ސިޓީއަށެވެ.
އެގޮތުން، ހދ. ނޮޅިވަރަންފަރަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވުމުގެ ސަބަބުން، 60 އަށްވުރެ ގިނަ ގެއަކުން އެކަމުގެ ޝަކުވާ ރިޕޯޓްކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. އަދި ގިނަ ގެތަކުގެ ތަޅުންގަނޑު އަޑިން ފެން އަރަމުންދާތީ، ހިފާގެންގުޅޭ ސާމާނުތަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށާއި، ނަމަވެސް އެއްވެސް ގެއަކުން މީހުން ހުސްކުރަންޖެހޭ ފަދަ ހަލަތަކަށް އަދި ނުދާ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެ އެވެ. އެ ރަށަށް މިހާރުވެސް ވާރޭ ވެހެމުންދާއިރު، ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
މީގެއިތުރުން، ކުޅުދުއްފުށި ސިޓީއަށް ވެސް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މިހާތަނަށް 190 އަށްވުރެ ގިނަ ގެއިން ވަނީ ރިޕޯޓްކޮށްފަ އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިހާރު އެ ގެތަކުގެ ހާލަތު ބަލަމުންދާއިރު، ސިޓީ ކައުންސިލާއި، ޕޮލިސް، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސަސް އަދި ދިވެހި ރެޑް ކްރެސެންޓް (އެމްއާރުސީ) ގުޅިގެން ރަށުތެރޭގައި ހެދިފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެ އެވެ.
އެންޑީއެމްއޭއިން އިތުރަށް ބުނީ، ވިއްސާރައިގެ އަސަރު ކުރަމުންދާ މި ރަށްތަކުގެ ހާލަތު އެ އޮތޯރިޓީން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް، ރަށު ކައުންސިލްތަކާއި ގުޅިގެން އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެހައި އިންތިޒާމްތައް މިހާރު ހަމަޖައްސަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭއިން ވަނީ ބުނެފަ އެވެ.
އުމުރުން 52 އަހަރުގައި ކަރިސްމާގެ ޒުވާންކަމުގެ ސިއްރަކީ ކޮބާ؟
އީރާނުން އުޅެނީ އިންތިހާބަށް ތެލުގެ އަގު އުފުލަން: ޓްރަމްޕް