ޒަމާނީ ވަޒީފާތަކުގެ މާޙައުލު ބަދަލުވެ، ގިނަ ވަގުތުތަކެއް މޭޒުދޮށުގައި ކޮމްޕިއުޓަރު ކައިރީގައި ހޭދަ ކުރަންޖެހޭ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބުރަކަށީގެ ވޭނެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަރާމު ކޮށްލައިގެން ތިބުމަކީ މައިބަދައަށް ލިބޭ ފަސޭހަ އެކެވެ. ނަމަވެސް މެދުނުކެނޑި ގިނަ ވަގުތުތަކެއް ވަންދެން އެއްގޮތަކަށް އިނދެގެން މަސައްކަތް ކުރުމަކީ ބުރަކަށީގެ ތިރިއަށް ބާރު ބޮޑުވެ، މަސްތައް ހަރުވެ، ހަށިގަނޑަށް ނުތަނަވަސްކަން ގެނުވާ ކަމެކެވެ.
މިކަމާ ގުޅޭގޮތުން ނޮއިޑާގެ ކައިލަޝް ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް އޯތޮޕީޑިކް ސާޖަން ޑރ. ގޯޔަލް ވިދާޅުވާ ގޮތުގައި، މަސައްކަތްކުރާ މާހައުލު އިންތިޒާމު ވެފައިވާ ގޮތަކުން ބުރަކަށީގެ ސިއްހަތަށް ވަރަށް ބޮޑަށް އަސަރުކުރެ އެވެ.
މަސައްކަތު މޭޒު ރަނގަޅު ގޮތަކަށް ފަރުމާ ކޮށްލުމަކީ މަސްތަކާއި ހުޅުތަކަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑަށް ކުޑަ ކޮށްދޭ ކަމެކެވެ. ލެޕްޓޮޕް ނުވަތަ މޮނިޓަރު ބަހައްޓަން ވާނީ މީހާގެ ލޮލުގެ ފެންވަރަށް ނުވަތަ އެއަށްވުރެ ތިރިއަށް ކަމަށާއި، މިހެން ހެދުމުން ކަރަށް ލިބޭ ބުރަކަން ކުޑަވެގެންދާ ކަމަށް އޭނާ ފާހަގަ ކުރައްވަ އެވެ.
މީގެ އިތުރުން، އިށީނދެ އިންނައިރު ދެފައި ބިންމަތީގައި ފުރިހަމައަށް ޖެހިފައި ހުރުމާއި، އުނަގަނޑާއި ކަކޫ އެއް އުސްމިނެއްގައި ހުރުމަކީ މުހިއްމު ކަމެކެވެ.
އާންމުކޮށް 8 ގަޑިއިރުގެ ވަޒީފާއެއް އަދާ ކުރާއިރު ބުރަކަށީގެ ވޭން ތަހައްމަލު ކުރަން ޖެހުނު ނަމަވެސް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ކުދިކުދި ބަދަލު ތަކަކުން މިކަމުން ސަލާމަތް ވެވޭނެ އެވެ.
ކޮންމެ ބައި ގަޑިއިރަކުން ނުވަތަ ގަޑިއިރަކު އެއްފަހަރު ކޮޅަށް ތެދުވެ ކުޑަކޮށް ހިނގާލައި، ހަށިގަނޑު ދަމާލުމަކީ ހަށިގަނޑަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
ބުރަކަށީގެ މަސްތައް ވަރުގަދަ ކުރުމަށް ކަސްރަތު ކުރުމާއި، ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި ނަފްސާނީ ބުރަކަން ކުޑަ ކުރުމަކީވެސް މައިބަދައިގެ ސިއްހަތަށް ފައިދާހުރި ކަންކަމެވެ.
ނަމަވެސް ބުރަކަށީގައި ރިއްސުމުގެ އިތުރުން އިތުރު ނުރައްކާތެރި އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހެ އެވެ.
އޭގެ ތެރޭގައި، ކުޑަކަމުދާ ނުވަތަ ބޮޑުކަމުދާ ނިޒާމަށް ބަދަލު އައުމާއި، ފައި އައްސިވުމާއި ފައިގެ ބާރު ދެރަވުން ފަދަ ކަންކަން ހިމެނެ އެވެ.
މިފަދަ ކަންކަމަކީ ނާރަކަށް ބާރު ބޮޑުވުމުގެ ސަބަބުން ދިމާވާ ކަންކަމަށް ވެދާނެތީ އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ.
އެހެން ކަމުން މަސައްކަތުގެ މާޙައުލު ރަނގަޅުކޮށް، ގަވާއިދުން އަރާމުކޮށް، ހަރަކާތްތެރިވެ އުޅުމަކީ ދިގު މުއްދަތެއްގައި ބުރަކަށީގެ ވޭނުން ސަލާމަތްވެ ހުރެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އޮތް އެންމެ ރަނގަޅު މަގެވެ.