ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅާއި ހއ. އަތޮޅުގެ ރަށްރަށުގެ އިތުރުން ޅ. ނައިފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކުޅުދުއްފުށި ސިޓީއާއި ނައިފަރުގެ ބައެއް ގެތަކުން މީހުން ވަގުތީ ބޯހިޔާވަހިކަމަށް ވަނީ ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެންޑީއެމްއޭ އިން ވަނީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ އެކި ރަށްރަށުގެ ގެތަކަށް ފެންވަދެ ލިބުނު ގެއްލުންތަކާއި ފެން ހިންދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކޮށްފަ އެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ހދ. އަތޮޅުގެ ރަށްރަށަށެވެ.

ހދ. ކުޅުދުއްފުށި ސިޓީގައި 7 ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން ވަނީ 2 ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ފަށާފަ އެވެ. އަދި ހދ. ނޮޅިވަރަމްގެ %95 ގޭގައި ފެންބޮޑުވެ، މީހުން އެހެން ގެތަކަށް ބަދަލުވަމުންދާއިރު، ފުލުހުންގެ އެހީތެރިކަމާއެކު 1 ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހދ. ނޮޅިވަރަންފަރުގެ ހާލަތު ގޯސްވި ގެތަކުގެ މީހުން އަމިއްލައަށް އެހެން ގެތަކަށް ބަދަލުވެފައިވާއިރު، 2 ޕަންޕުގެ އެހީގައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނެއްލައިދޫގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވީ ނަމަވެސް މީހުން ބަދަލުކުރާ ހާލަތަކަށް ގޮސްފައެއް ނުވެ އެވެ.

ހދ. ކުމުންދޫގެ 3 ގެއަކަށް ފެންވަދެ ކާޑުގެ ބާވަތްތައް ހަލާކުވި ނަމަވެސް، އަވިދިނުމާ ގުޅިގެން މިހާރު އެރަށުގެ ހާލަތު ވަނީ ރަނގަޅުވެފަ އެވެ. ވައިކަރަދޫގެ ރަށުތެރޭގައި ފެންބޮޑުވެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވި ނަމަވެސް، އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ހދ. ނައިވަދޫގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ފިނޭގައި ޕަންޕުގެ އެހީގައި ފެން ވަނީ ހިންދާފަ އެވެ. ކުރިނބީގެ ދެ ސަރަހައްދެއްގައި ފެންބޮޑުވި ނަމަވެސް، މި ތިން ރަށުގެ އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ހދ. ހަނިމާދޫ އަދި މަކުނުދޫގެ ހާލަތު އާންމުގޮތެއްގައި ރަނގަޅެވެ.

ހއ. އަތޮޅުގެ ހާލަތަށް ބަލާއިރު، ފިއްލަދޫ، ކެލާ އަދި މާރަންދޫގައި ބޮޑުވި ފެންގަނޑު ވަނީ މޫދަށް ކޯރު ކަނޑައިގެން ހިންދާފަ އެވެ. ކެލާ އަދި މާރަންދޫގެ އެއް ގެއަށް ފެންވަދެފައިވީ ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ހއ. ދިއްދޫ އަދި އިހަވަންދޫގެ ފެންބޮޑުވާ ސަރަހައްދުތަކުގެ ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަނީ ވެލިބަސްތާ ޖަހާފަ އެވެ. ދިއްދޫގެ އެއް ގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާއިރު، ތަކަންދޫގައި ފެން ހިންދުމަށް ކާނު ކޮނުމުގެ މަސައްކަތާއި ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހއ. ބާރަށް، ހޯރަފުށި، މޮޅަދޫ، މުރައިދޫ، އުލިގަން، އުތީމު އަދި ވަށަފަރުގެ މަގުތަކުގައި ފެންހެދިފައި ވީނަމަވެސް، އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ޅ. ނައިފަރުގައި 16 ގެއަކަށް ފެންވަދެ، ދެ ގެއަކުން މީހުން ވަނީ ބަދަލުކޮށްފަ އެވެ. ހާލުގައި ޖެހުނު ފަރާތްތަކަށް ތިން ދުވަހުގެ ކެއުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭއާއި ރަށު ކައުންސިލް މެދުވެރިކޮށް ދަނީ ކުރަމުންނެވެ.