އަރުމީނިއާގެ އެއާލައިނެއް ކަމަށްވާ ޝިރަކް އޭވިއާއިން އަންނަ ނޮވެމްބަރު 14 ގައި ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.
މިއީ އަރުމީނިއާއާއި ދިވެހިރާއްޖެއާ ދެމެދު ސީދާ ޝެޑިއުލް ދަތުރުތަކެއް ފަށާ ފުރަތަމަ ފަހަރެވެ. މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަރުމީނިއާގެ ވެރިރަށް ޔެރެވާންގެ ޒްވާޓްނޮޓްސް އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދުގަ އެވެ.
ހަފުތާއަކު އެއް ދަތުރު ކުރުމަށް ރޭވިފައިވާ މި ސާވިސްގައި ފްލައިޓްތައް އޮންނާނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ. މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 737-800 މަރުކާގެ ބޯޓެވެ.
ޝެޑިއުލްގައިވާ ގޮތުން ޔެރެވާނުން ފުރާ ފްލައިޓް ނައްޓާލާނީ އެ ގައުމުގެ ގަޑިން ފަތިހު 03:05 ގަ އެވެ. އޮމާންގެ މަސްކަޓަށް ޖެއްސުމަށްފަހު ތެޔޮ އަޅައިގެން، އެ ފްލައިޓް ރާއްޖެއަށް އާދެވޭނީ ރާއްޖެ ގަޑިން މެންދުރު 12:10 ގަ އެވެ.
ރާއްޖެއިން އެނބުރި ފުރާ ފްލައިޓް މެންދުރުފަހު 13:10 ގައި ފުރައިގެން ޔެރެވާނަށް ދެވޭނީ އެ ރޭ 20:15 ގައެވެ. މި ދަތުރުގެ މުޅި ޖުމްލަ ވަގުތަކީ ގާތްގަނޑަކަށް 8 ގަޑިއިރެވެ.
މި ދަތުރުތަކުގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު، އެއްކޮޅު ޓިކެޓެއްގެ އަގު ފެށެނީ 455 އެމެރިކާ ޑޮލަރުންނެވެ. މި ދަތުރުތައް މާޗު 2027 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފަ އެވެ.
ރާއްޖެއަށް ފަށާ މި ދަތުރުތަކަކީ 2026/27 ގެ ފިނި މޫސުމާ ދިމާކޮށް ޝިރަކް އޭވިއާއިން ދަތުރުތައް ފުޅާކުރުމަށް ނިންމާފައިވާ ޕްލޭނުގެ ބައެކެވެ. މީގެ އިތުރުން އެ އެއާލައިނުން އަންނަ ނޮވެމްބަރު މަހު އިންޑޮނޭޝިއާގެ ބާލީ އަދި ތައިލެންޑުގެ ޕުކެޓަށް ވެސް ހަފުތާއަކު އެއް ދަތުރު ފެށުމަށް ވަނީ ނިންމާފަ އެވެ.
އުމުރުން 52 އަހަރުގައި ކަރިސްމާގެ ޒުވާންކަމުގެ ސިއްރަކީ ކޮބާ؟
ޖެނިފާއަށް އަލުން މަގާމު ދޭން އެންގި މައްސަލަ ހުކުމާ ހަމައަށް
