އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް އަށް މަސް ފުރެން ކައިރިވެފައިވާއިރު، އަދި ތެލުގެ އަގުބޮޑުވުމުގެ ސަބަބުން އެމެރިކާގެ މިޑްޓާމް އިންތިހާބަށް އޭގެ ނުފޫޒު ފޯރަމުންދާ ދަނޑިވަޅެއްގައި، އީރާނާ ދެކޮޅަށް އެމެރިކާއިން އިތުރު އަސްކަރީ ހަރަކާތެއް ހިންގައިފާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

ފްލޮރިޑާގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ނަމުގައި އިތުރު އަސްކަރީ ހަރަކާތެއް ހިންގައިފާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. "އޮޕަރޭޝަން އެޕިކް ފިއުރީ" އަކީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ނަމެކެވެ.

މީގެ ކުރިން ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް މި ހަނގުރާމަ ވަރަށް އަވަހަށް ނިންމާލެވިދާނެ ކަމަށެވެ. ނަމަވެސް، ވޮޝިންގްޓަނުން ބޭނުންވަނީ ހަނގުރާމަ އަވަހަށް ނިންމާލަންތޯ ނުވަތަ މަޑުމަޑުން ހަނގުރާމަ ހުއްޓާލަންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ހަނގުރާމައާ ގުޅޭގޮތުން ތަފާތު އެކި ލަނޑުދަނޑިތަކާއި ވަގުތުތައް ހާމަކުރައްވަމުން ގެންދަވާ ޓްރަމްޕް މި މަހުގެ ކުރީކޮޅު ވިދާޅުވެފައިވަނީ، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ބާއްވާ މިޑްޓާމް އިންތިހާބުގެ ކުރިން އީރާނަށް ހަމަލާއެއް ނުދޭނެ ކަމަށެވެ.

އީރާނަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކާއި، ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހި ގެދޮރު ގެއްލިފަ އެވެ.