މޫސުން ގޯސްވުމާއި ސައިބާ ހަމަލާތަކުގެ ސަބަބުން އަސާސީ ހިދުމަތްތަކަށް ބުރޫއަރައިފާނެތީ، ކުރިމަތިވެދާނެ ދަތި ދުވަސްތަކަކަށް އިނގިރޭސިވިލާތުގެ އާއިލާތަކުން ތައްޔާރުވެ ތިބުމަށް އެ ގައުމުގެ ސަރުކާރުން އިރުޝާދު ދީފި އެވެ.

ހުކުރު ދުވަހު ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވީ، ހީނުކުރާ ކަހަލަ ހާދިސާތައް ހިނގުން މިހާރު އިތުރުވަމުންދާ ކަމަށާއި، އެފަދަ ދަނޑިވަޅުތަކުގައި ބޭނުންކުރުމަށްޓަކައި ކޮންމެ ގެއެއްގައިވެސް ޒަރޫރީ ތަކެތި ހުންނަންވާނެ ކަމަށެވެ.

ބޮޑެތި މެދުކެނޑުންތަކަށް ތައްޔާރުވުމުގައި އަވަށްޓެރި ގައުމުތަކަށްވުރެ އިނގިރޭސިވިލާތް އޮތީ މާ ފަހަތުގައި ކަމަށް މާހިރުން އިންޒާރު ދޭއިރު، ބޭނުންވާނެ ތަކެއްޗާއި އެތަކެތި ބޭނުންވާ ސަބަބުތަށްވެސް އެ ގައުމުން ވަނީ ބުނެދީފަ އެވެ.

"ބީ ރެޑީ" ޗެކްލިސްޓުގައި ހިމެނެނީ ކޮން އެއްޗެއް؟

ޔޫކޭ ސަރުކާރުގެ "ބީ ރެޑީ" ކެމްޕޭނުގެ ދަށުން، ބަންދުކުރި ފެނާއި ގިނަ ދުވަހު ހަލާކުނުވެ ހުންނަ ކާބޯތަކެތި ހިމެނޭހެން، ތިން ދުވަހަށް ފުދޭވަރުގެ ސާމާނު ބަދިގޭގައި ބެހެއްޓުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރުން ވެޓް ވައިޕްސް، ޓޯޗް އަދި ނަގުދު ފައިސާ ބެހެއްޓުމަށްވެސް ލަފާދެ އެވެ. ކާރިސާތަކާ ބެހޭ މާހިރު ޕްރޮފެސާ ލޫސީ އީސްތޯޕް ވިދާޅުވި ގޮތުގައި، މިގޮތަށް ތައްޔާރުވުމުގެ މަގްސަދަކީ ގައުމީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކަމާބެހޭ އިދާރާތަކަށް މަސައްކަތް ކުރުމަށް ލުއި ފަސޭހަ ކޮށްދިނުމެވެ.

ގަވާއިދުން ބޭސް ބޭނުންކުރާ މީހުން އިތުރު ސަޕްލައިއެއް ބެހެއްޓުމަށް ސަރުކާރުން ބުނެ އެވެ. "މީހުންގެ އަތުގައި އިތުރު 48 ގަޑިއިރަށް ފުދޭވަރުގެ ހިތުގެ ބޭސް ހުރިނަމަ، ކުއްލި ހާލަތުގައި ބޭސްފިހާރައެއް ހޯދަން ކުރަންޖެހޭ މަސައްކަތުން ސަލާމަތްވާނެ." ޕްރޮފެސާ އީސްތޯޕް ވިދާޅުވި އެވެ.

ސަރުކާރުގެ މި ކެމްޕޭން ބުރާސްފަތި ދުވަހު ފެށި ނަމަވެސް، ބައެއް މީހުން ތިބީ މާ ކުރިންސުރެ ތައްޔާރުވެގެންނެވެ.

ބައެއް އާންމުން ބުނާ ގޮތުގައި އެމީހުން ވަނީ ދަޅުގައި ބަންދުކުރި ކާނާގެ އިތުރުން ފުށާއި އީސްޓް ފަދަ ތަކެތިވެސް ގަނެ ރައްކާކޮށްފަ އެވެ. ނަމަވެސް، ބައެއް މީހުން ވަނީ މިއީ ސަރުކާރުން ބިރުވެރިކަން އުފެއްދުމަށް ކުރާ ކަމެއްތޯ ސުވާލު އުފައްދާފަ އެވެ. އެހެންނަމަވެސް، ގިނަ ބަޔަކު މިހާރު ދަނީ މި އިރުޝާދުތަކަށް އަމަލުކުރަމުންނެވެ.

މިހާރު ތަކެތި ރައްކާކުރަން ޔޫކޭ ސަރުކާރުން ބުނަނީ ކީއްވެ؟

ޑިފެންސް ސެކްރެޓަރީ ވެސް ސްޓްރީޓިންގް ވިދާޅުވީ، މިއީ ވަކި ހާއްސަ އިންޓެލިޖެންސް މައުލޫމާތެއް ލިބިގެން ދޭ އިރުޝާދެއް ނޫން ކަމަށާއި، މިއީ ގައުމުގެ ދިފާއީ ބާރު ގަދަކުރުމަށް ދޭ އިރުޝާދެއް ކަމަށެވެ.

ސަރުކާރުގެ އިއުލާނުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކަށެވެ. މީގެ އިތުރުން، ވިޔަފާރިތަކަށް އަމާޒުވާ ސައިބާ ހަމަލާތަކާއި، ބޭރުގެ ނުރައްކާތެރި ފަރާތްތަކުން މެދުވެރިކޮށްފާނެ ހުރަސްތަކަށްވެސް ވަނީ އިޝާރާތް ކުރައްވާފަ އެވެ.