މަސައްކަތުގެ ތާވަލު ހުންނަ ގޮތުން ނުވަތަ ދުވަހުގެ މަސައްކަތްތައް ބުރަވުމުގެ ސަބަބުން ގިނަ ފަހަރަށް ރޭގަނޑުގެ ކެއުން ލަސްވާ ގޮތްވެ އެވެ.

މިފަދަ ހާލަތްތަކުގައި، ލަހުން ކެއުމުން ހަށިގަނޑަށް ބަރުދަން އިތުރުވޭތޯއާއި، މިކަމުގައި ސަމާލުވާންޖެހެނީ ކޮންބައެއްތޯ ބެލުމަށް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ޓްރިވެންޑްރަމްގެ ކިމްސް ހެލްތުގެ އިންޓާނަލް މެޑަސިން ޑިޕާޓްމަންޓްގެ ކޮންސަލްޓެންޓް ޑރ. ނަހާސް އޭ ވިދާޅުވާ ގޮތުގައި، ހަމައެކަނި ކާ ވަގުތު ލަސް ކުުރުމުން ބަރުދަން އިތުރުވުމަށް މަގުފަހިއެއް ނުވެ އެވެ.

އެހެން ކަމުން ހަމައެކަނި ލަހުން ކެއުމަކީ ބަރުދަން އިތުރުވާނެ ކަމެއް ނޫނެވެ. ބަރުދަން އިތުރުވުން ގުޅިފައިވަނީ އެވަގުތު ކާ ކެއުމުގައި ހިމެނޭ ކެލޮރީއާއި ހަށިގަނޑުން ހަރަކާތްތަކުގައި އަންދާލާ ކެލޮރީގެ އަދަދާ އެވެ.

ނަމަވެސް، ލަހުން ކެއުމުގެ ސަބަބުން އިތުރަށް ކެވުމާއި، ސްނެކްސް ކެއުމުގެ އާދަ އިތުރުވުން ފަދަ ކަންކަން މެދުވެރި ވެދާނެ އެވެ. ޓީވީ ބަލަމުން ނުވަތަ ފޯނާ ކުޅެމުން ކަނީ ބަނޑުހައިވެގެން ނޫން ކަމުގައިވިޔަށް، ލަސް ގަޑިތަކުގައި ކާހިތްވުން ބޮޑުވެ އެވެ.

މީގެ އިތުރުން ނިދި ހަމަ ނުވުމުގެ ސަބަބުން ވެސް ޖެހިގެން އަންނަ ދުވަހު ބަނޑުހައިވާ މިންވަރު އިތުރުވެ، ބަރުދަން އިތުރުވުމަށް މަގުފަހިވެ އެވެ.

ހާއްސަ ސަމާލުކަމެއް ދޭން ޖެހެނީ ކޮންބައެއް؟

ޑޮކްޓަރު ފާހަގަކުރާ ގޮތުގައި ބައެއް މީހުން ލަހުން ކެއުމުގައި އިތުރަށް ސަމާލުވާންޖެހެ އެވެ.

  • އެސިޑިޓީގެ މައްސަލަ ހުންނަ މީހުން: ނިދުމުގެ ކުރިން ބަރު ކާނާ ކެއުމުން އެސިޑް ރިފްލަކްސްގެ މައްސަލަތައް އިތުރަށް ގޯސްވެދާނެ އެވެ. އެހެންކަމުން ނިދުމުގެ ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރު ކުރިން ކައި ނިންމާލުން މުހިންމެވެ.
  • ހަކުރު ބަލި (ޑައިބެޓީސް) ހުންނަ މީހުން: ލަހުން ކެއުމާއި ނިދާ ގަޑީގައި ސްނެކްސް ކެއުމަކީ ބޭސް ބޭނުންކުރާ މީހުންގެ ހަކުރުގެ މިންވަރަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަކަށް ވާތީ ޑޮކްޓަރުގެ ލަފާގެ މަތިން އެކަންކަން ރޭވުން މުހިންމެވެ.

ކޮންމެއަކަސް، ލަހުން ކެވުނު ނަމަވެސް، ކެއުމުގެ މިންވަރާއި، ހަށިގަނޑަށް ފައިދާހުރި މިންހެޔޮ ކާނާ ބޭނުން ކުރުމަށް ސަމާލުކަން ދިނުމުން މިފަދަ މައްސަލަތަކުން ރައްކާތެރި ވެވޭނެ އެވެ.