ދުނިޔޭގެ މަސްރަހު ބަދަލުވަމުންދާ ނާޒިކު ދަނޑިވަޅެއްގައި ރައީސް މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާއެކު އިންޑިއާއާއި ޕާކިސްތާނުގެ ދެބަސްވުންތަކުގެ ތެރެއަށް ދިވެހިރާއްޖެ ވައްދާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސ. ހުޅުދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި، އެ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ހާރިޖީ އަދި ސަލާމަތީ މަޝްރަހަށް ކޮށްފާނެ އަސަރުތަކާ ގުޅޭގޮތުން ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ މަސްރަހުގައި ކުރިން އަމަލުކުރަމުން އައި ބައިނަލްއަގުވާމީ ނިޒާމުތައް މިހާރު ވަރަށް ބޮޑަށް ބަދަލުވަމުން އަންނަ ކަމަށެވެ.

ބައިނަލްއަގުވާމީ މަސްރަހަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ މީގެ ކުރިން ދުނިޔޭގެ ގައުމުތަކުން އަމަލުކުރީ ހުޅަނގުގެ ގައުމުތަކަށް ނުވަތަ ރަޝިއާއަށް ތާއީދުކުރުމުގެ އުސޫލުން ކަމަށެވެ.

ނަމަވެސް މިއަދު މެދުމިނުގެ ބާރުތައް ފާހަގަވެ، އެ ގައުމުތަކުން ކުރިއަށް އޮތް ތަނުގައި އަމަލުކުރާނެ ގޮތާއި އދ. ގެ ބާރުވެރިކަން ހިފެހެއްޓޭނެ މިންވަރާމެދު ސުވާލު އުފެދިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެފަދަ ހާލަތެއްގައި ރާއްޖެ ފަދަ ކުދި ގައުމުތަކަށް އޮތް ނުރައްކާތެރިކަން ބޮޑުއިރު، ރައީސް މުއިއްޒު ބެއްލެވުމެއް ނެތި ރާއްޖެ ދެބަސްވުންތަކުގެ ތެރެއަށް ގެންދަވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އޭގެ ހިތި އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ކުރީގެ ނަޝީދު ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމުގައި ބެހެއްޓެވުމަކީ ދިވެހި ރައްޔިތުންނަށް އޮތް ބޮޑު ގެއްލުމެއް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.