ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފެއްދުންތެރިކަމަށް ބޭނުންކުރާ ސާމާނުން ފަސް އަހަރު ދުވަހުގެ މުއްދަތަށް އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމާފައިވާ ކަމަށް ރައީސް މުއްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތަކަށް އިނާމު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެސްއެމްއީތައް ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އުފެއްދުންތެރިކަމުގައި މިފަދަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒެއް ކަމަށެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މި ދާއިރާއަށް މީހުން ވެއްދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެސްއެމްއީ ވިޔަފާރިތަކާ ބައްދަލުކުރައްވައި އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، ގިނަ ކަންތައްތަކަކަށް މިހާރުވެސް ހައްލު ހޯދައިދެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސަރުކާރުން ވަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހިވާނެހެން މައިގަނޑު ތިން ލުޔެއް ދިނުމަށް ނިންމާފަ އެވެ. މީގެ ތެރޭގައި ސަރުކާރުގެ މަސައްކަތްތައް ކޮށްގެން ފައިސާ ނުލިބިވާ ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ބޮޑެތި ލުއިތަކެއް ހިމެނެ އެވެ.

އެގޮތުން ސަރުކާރުން ދޭންޖެހޭ ފައިސާއިން ޓެކްސް އޮފްސެޓް ކުރެވޭ ގޮތަށް ނުވަތަ އަޅާކިޔައި ކެނޑޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ޓެކްސްއަށް ރަޖިސްޓްރީ ކުރަންޖެހޭ ތްރެޝްހޯލްޑް 1.5 މިލިޔަން ރުފިޔާއަށް މަތިކުރުމަށްޓަކައި ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިމްޕޯޓް ޑިއުޓީ ކަނޑާލުމުގެ ބަދަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ރާއްޖޭގައި މަސައްކަތް ކުރުމަށް އެތެރެކުރާ ރޯ މެޓީރިއަލްތަކަށް ލުއި ދިނުމަށްޓަކައި ތަކެތީގެ ފުރިހަމަ ލިސްޓެއް އެކުލަވާލާނެ ކަމަށެވެ. އެ ލިސްޓުގައިވާ ބާވަތްތަކުން 1 ޖަނަވަރީ 2027 އިން ފެށިގެން 0 އިންސައްތައިގެ ރޭޓުން އިމްޕޯޓް ޑިއުޓީ ނަގާގޮތަށް 5 އަހަރު ދުވަހުގެ މުއްދަތަށް ކަނޑައަޅަން ވަނީ ނިންމާފަ އެވެ.