ސަރުކާރުގެ ތިން ވުޒާރާއެއް ހިންގި ދެ އިމާރާތެއްގައި 2024 ޑިސެމްބަރު 12 ގައި ހިނގި އަލިފާނުގެ ހާދިސާގައި ހައުސިން މިނިސްޓްރީގެ ސާވާ އެއްކޮށް އަނދައިގެން ދިއުމުން، އެ މިނިސްޓްރީން 2023 ވަނަ އަހަރު ހަރަދުކުރި 120 މިލިއަން ރުފިޔާއާ ގުޅޭ މާލީ ލިޔެކިޔުންތައް ލިބިފައި ނުވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޮޑިޓް އޮފީހުން އާންމުކުރި ހައުސިން މިނިސްޓްރީގެ 2018 އިން 2023 އަށް އޮޑިޓު ރިޕޯޓުގައިވާ ގޮތުން، އެ އަލިފާނުގެ ހާދިސާގައި ސާވާ ހަލާކުވެ، އޭގައި ރައްކާކޮށްފައިވާ މާލީ ރެކޯޑުތައް ވަނީ އިއާދަނުކުރެވޭ ވަރަށް ނެތިގޮސްފަ އެވެ. އަދި ވުޒާރާގެ އިމާރާތުން ބޭރުގައި މާލީ ރެކޯޑުތަކުގެ ބެކަޕް ކޮޕީއެއް ބަލަހައްޓާފައި ނުވާތީ، ސާވާގައި ހުރި ލިޔެކިޔުންތައް ރިކަވާ ކުރެވިފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ ސަބަބުން 2023 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ހަރަދުކުރި 6.5 މިލިއަން ރުފިޔާއާ ގުޅޭ ބިޑު ޕްރޮޕޯސަލްތަކާއި، އިވެލުއޭޝަން ޝީޓުތަކުގެ އިތުރުން ބިޑް ކޮމިޓީގެ ނިންމުންތައް އޮޑިޓަށް ލިބިފައެއް ނުވެ އެވެ.
މީގެ އިތުރުން މުސާރައިގެ ގޮތުގައި ހަރަދުކުރި 114.2 މިލިއަން ރުފިޔާގެ ލިޔެކިޔުންތައް ވެސް ލިބިފައި ނުވާތީ، އެ ހަރަދުތަކަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއްކަން ކަށަވަރުކުރެވިފައެއް ނުވެ އެވެ.
އެ ދެ އިމާރާތުގައި އަލިފާން ރޯވީ ސީލިންގުގެ އެކި ތަންތަނުގައި ކަމަށްވުމުން، ހުރިހާ ސަރަހައްދެއް ނިއްވާލުމަށް ފަޔާފައިޓަރުންނަށް ދަތިތަކާ ކުރިމަތިވި ކަމަށް ތަހުގީގުގައި ބުނެފައިވެ އެވެ. އަދި ހައުސިން މިނިސްޓްރީގެ ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކުރިން ވެސް ކަރަންޓުގެ މައްސަލަތަކެއް އުޅޭކަން ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ހާމަކޮށްފައިވެ އެވެ.
ދިރާގު ޕޭ ކަސްޓަމަރުންނަށް 1ރުފިޔާއަށް ވިކްޓޯރިއަސްއިން ބޯބާއެއް
ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި
ގަތަރުގެ ބޮޑުވަޒީރު ޓްރަމްޕާ ބައްދަލުކުރައްވަނީ