ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

ސައުދަށް ދައުވާކުރަނީ ތިނަދޫގެ އާބާދީގައި ސިޓީއެއްގެ ޝަރުތު ހަމަވާ 10،000 މީހުން އުޅޭކަން ދެއްކުމުގެ ގޮތުން، މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓުތަކެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވާފައިވާ ކަމަށް ބުނެ އެވެ. އަދި ފުލުހުންގެ ތަހުގީގަށް އެ މައުލޫމާތު ހިއްސާނުކޮށް، އެފަދަ ރިކޯޑެއް ނެތް ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސައުދުގެ ފަރާތުން ދައުވާއަށް އިންކާރު ކުރުމުން އޭނާއާ ދެކޮޅަށް ހުށަހަޅާ ހެކިތައް ދައުލަތުން ހާމަކުރި އެވެ. އޭގެ ތެރޭގައި ކައުންސިލް ބައްދަލުވުންތަކުގެ ބައިވެރިންނާއި ރައީސް އޮފީހާއި އެލްޖީއޭގެ މުވައްޒަފުންނާއި މައްސަލަ ތަހުގީގު ކުރި ފަރާތްތަކުގެ އިތުރުން ކިތާބީ ހެކި ހުށަހަޅާފައިވެ އެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލައި، އެ ދައުވާއަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ.

މި އަޑުއެހުމުގައި ވަނީ ދައުލަތުގެ ބައެއް ކިތާބީ ހެކިތައް ރައްކާތެރި ކުރުމުގެ އަމުރެއް ވެސް ނެރެފަ އެވެ.

އެ މައްސަލާގައި ދިފާއުގައި ސައުދުގެ ފަރާތުން ހެކި ހުށަހެޅުމުގެ ފުރުސަތު އެ މައްސަލަ ބައްލަވާ ގާޒީ ވަނީ ދެއްވައިފަ އެވެ. އަދި ދެން އޮންނަ އަޑުއެހުން އަންނަ މަހު ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.