ލެބޯޓަރީ ކޮންޒިއުމެބަލް އައިޓަމެއްކަމަށްވާ މައިކްރޯޕިޕެޓް ޓިޕްތަކެއް މާކެޓުގައި ލިބެންހުރި އަގަށްވުރެ ބޮޑު އަގުގައި ހޯދާފައިވާ ކަމަށް ތުހުމަތުކޮށް، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ޕްރްސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި ފަރާތާއި، އެ ތަކެތި ހޯދުމަށް ނިންމި ބިޑު ކޮމިޓީގެ ޖަލްސާގައި ބައިވެރިވި ތިން މެންބަރެއްގެ މައްޗަށެވެ.

މި މައްސަލައަކީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ހަތަރު މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް އެ ހޮސްޕިޓަލުން 2025 ވަނަ އަހަރު ކުރި އިއުލާނަކާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ.

އެ ކޮމިޝަނުން ބުނީ އެ އިއުލާނުގައި ހިމެނޭ ތަކެތީގެ ތެރެއިން 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް އިއުލާނުކުރުމުން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށެވެ. އަދި އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއްނެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެ ތަކެތި ހޯދާފައިވާކަން އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ދައުވާކުރަން ފޮނުވި މުވައްޒަފުންނަކީ:

• މުހައްމަދު ސާއިން އަހްމަދު (ފިޔަނޫމާގެ/ ސ. ހިތަދޫ) – ޕްރޮކިއުމަންޓް އޮފިސަރު / ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި (ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި ފަރާތް)

• އަޒީމް ލަތީފް (އެވެރެސްޓު/ ސ. ހިތަދޫ) – ސީނިއާ ހެލްތުކެއާ އެޑްމިނިސްޓްރޭޝަން އޮފިސަރު (ކުންފުނިން ހުށަހެޅި އަގުގައި އެ އައިޓަމް ސަޕްލައިކުރުމަށް ނިންމި ބިޑު ކޮމިޓީގެ ޗެއާޕާސަން)

• އަބްދުﷲ ވަހީދު (ތައުރުއްގެ/ ސ. ހިތަދޫ) – ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު (ބިޑު ކޮމިޓީގެ މެންބަރު)

• ޑރ. ފާތިމަތު އަމާނީ ނަސީރު (ހަންހާރުގެ/ ސ. ހިތަދޫ) – ޕީޑިއެޓްރީޝަން (ބިޑު ކޮމިޓީގެ މެންބަރު)

އެ މުވައްޒަފުންގެ މައްޗަށް ކޮށްދިނުމަށް އެދިފައި ވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

މީގެއިތުރުން، އެ ގާނޫނުގެ 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް ވެސް އެދުނެވެ.

އެކަމުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާ ހޯދަން އޭއީއެޗަށް އެންގުމަށް ވެސް ވަނީ ނިންމާފަ އެވެ.