ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ 190އަށް ވުރެ ގިނަ ފާމަސީތަކަށް ޑްރޯން ބޭނުންކޮށްގެން ބޭސް ފޮނުވޭތޯ ބަލަން އަންނަ އަހަރު ޓެސްޓްކުރަން ނިންމާފައިވާ ކަމަށް ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާއިން ބުނެފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަހްމަދު އިމާދު މިއަދު ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެކަން ޓެސްޓްކޮށް، އޭގެ ނަތީޖާއަށް ބެލުމަށްފަހު މުޅި ރާއްޖެއަށް މި ހިދުމަތް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބޭސް ރައްކާކުރާނެ ގުދަންތަކެއް ހެދުމުގެ މަސައްކަތް ކުރުމަށް ވެސް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރަށްރަށަށް ބޭސް ފޯރުކޮށްދިނުމުގެ ދުވެލި އަވަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭސްތަކުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ރާއްޖޭގެ އެކި ރަށްރަށުންނާއި ކަމާގުޅޭ އިދާރާތަކުން މައުލޫމާތު އެއްކޮށް ހާއްސަ ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.