ނިދި ހަމަކުރުމަށް ފަރުވާކުޑަކުރުމަކީ ހަމައެކަނި އަނެއްދުވަހު ވަރުބަލިކަން އިހުސާސްވުމުގެ އިތުރުން، އޭގެ ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

އަލަށް ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި، ނިދިން ކުޑަ މިންވަރެއް މަދުވުމަކީވެސް "ފިޝިން ސްކޭމް" ނުވަތަ އޮޅުވާލައިގެން އަމިއްލަ މައުލޫމާތު ހޯދުމަށް ފޮނުވާ އީމެއިލްތަކަށް މީހުން ހެއްލުމުގެ ފުރުސަތު އިތުރުވާ ކަމެކެވެ.

މި ދިރާސާގައި ހާމަވެފައިވާ ގޮތުގައި، ނިދީގެ ތަރުތީބަށް އަންނަ ބަދަލާއެކު އޮޅުވާލައިގެން ފޮނުވާ ލިންކުތަކަށް ފިއްތޭ މިންވަރު 13 އިންސައްތަ އިތުރުވެ އެވެ. މިއީ ނިދިން އަންނަ ކުޑަ ބަދަލެއްގެ ސަބަބުން އިންސާނާގެ ކަންކަން ނިންމުމުގެ ގާބިލުކަމަށް އަސަރުކުރާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް މާހިރުން ވިދާޅުވެ އެވެ.

ޓަކްސަންގައި ހުންނަ ޔުނިވާސިޓީ އޮފް އެރިޒޯނާގެ ސްލީޕް އެންޑް ހެލްތު ރިސާޗް ޕްރޮގްރާމްގެ ޑައިރެކްޓަރު ޑރ. މައިކަލް ގްރޭންޑްނާ ވިދާޅުވާ ގޮތުގައި، އީމެއިލް ޗެކްކުރުމަކީ ގިނަ ބަޔަކު ހީކުރާ ގޮތުގައި ނިދި ހަމަކުރަންޖެހޭ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސް، ކުދިކުދި ތަފްސީލުތަކަށް ސަމާލުކަންދީ، އިތުބާރު ކުރަންވީ ކޮން އެއްޗަކަށްކަން ދެނެގަތުމަށް ސިކުނޑި ތާޒާކަންމަތީ ހުރުން މުހިންމެވެ.

ކެލިފޯނިއާ ޔުނިވާސިޓީގެ ދިރާސާވެރިން 11,200 އަށްވުރެ ގިނަ މުވައްޒަފުންގެ މެދުގައި ހެދި މި ދިރާސާއިން އެނގުނު ގޮތުގައި، ނިދި މަދުވި ދުވަސްވަރު ޝައްކުކުރެވޭ ލިންކުތަކަށް ފިއްތި މީހުންގެ އަދަދު 16 އިންސައްތައިން 18 އިންސައްތައަށް ވަނީ އިތުރުވެފަ އެވެ. ދިރާސާގެ އިސް ރިޗާޗަރު އީޓަން ޝެކްޓްމަން ވިދާޅުވި ގޮތުގައި، އާންމުކޮށް ގެއްލުމެއް ނުވާނެ ކަމަށް ހީކުރާ ކުޑަ ނިދިކޮޅެއްގެ ބަދަލުން މިފަދަ ބޮޑު ނަތީޖާއެއް ފެނުމަކީ ހައިރާންކުރުވަނިވި ކަމެކެވެ.

ނިދި މަދުވުމުގެ ސަބަބުން ސިކުނޑީގެ ސަމާލުކަންދިނުމާއި، ހަނދާން ބެހެއްޓުމާއި، އަދި ނުރައްކާތައް ދެނެގަތުމުގެ ބާރަށް އަސަރުކުރެ އެވެ. ސިކުނޑީގެ "ޕްރީފްރަންޓަލް ކޯޓެކްސް" ނަމަކަށް ކިޔާ ބަޔަކީ ކަންކަން ރޭވުމާއި، ގޮތް ނިންމުމާއި، އަދި ކުއްލިއަކަށް ކުރެވޭ ކަންކަން ކޮންޓްރޯލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ނިދި މަދުވުމުން އެންމެ ފުރަތަމަ އަސަރުކުރަނީ މި ބަޔަށެވެ.

ނިދި މަދުވުމުގެ ނުރައްކާ އޮތީ ހަމައެކަނި ސައިބާ ސެކިއުރިޓީއަކަށް ނޫނެވެ. މީގެ ސަބަބުން ބިލްތައް ދެއްކުމުގައި ގޯސްތައް ހެދުމާއި، ބޭސްކާން ހަނދާން ނެތުމާއި، އަދި އޮފީހުގެ މުއާމަލާތްތައް ނުބައިކޮށް ދެނެގަނެވުން ފަދަ ކަންކަން މެދުވެރިވެދާނެ އެވެ. އެންމެ ނުރައްކާތެރި ކަމަކީ، ނިދި މަދުވުމުގެ ސަބަބުން ތިމާގެ އަމިއްލަ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ގާބިލުކަންވެސް ސިކުނޑިން ކުޑަވުމެވެ.

ނިދި މަދު ދުވަސްވަރު ގޯސްތައް މަދުކުރުމަށް ކުރެވިދާނެ ކަންތައްތައް:

  • ނިދި ހަމަކުރުން: ބޮޑެތި މީހުން ރޭގަނޑު 7 ގަޑިއިރާއި 9 ގަޑިއިރާ ދެމެދު ނިދަން އާދަކުރަންޖެހެ އެވެ.
  • މުހިންމު ނިންމުންތައް ފަސްކުރުން: މާލީ ބޮޑެތި ކަންކަމާއި މުހިންމު ނިންމުންތައް، ނިދި ހަމަކުރެވެންދެން ފަސްކޮށްލާށެވެ.
  • ކަންކަން ދެފަހަރަށް ޗެކްކުރުން: ވަރުބަލިވެފައި ހުންނަ ވަގުތު ކަންކަން އަވަސްއަރުވާނުލައި، މަޑުމަޑުން ކުރުމާއި އެހެން މީހެއްގެ އެހީގައި ކަންކަން ޔަގީންކުރުން މުހިންމެވެ.
  • ޝައްކުކުރެވޭ މެސެޖުތަކަށް ސަމާލުވުން: އީމެއިލް ނުވަތަ މެސެޖުން ލިބޭ ލިންކުތަކަށް ފިއްތުމުގެ ބަދަލުގައި، ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު ސާފުކުރާށެވެ.
  • ކެފެއިންއަށް އެކަނި ބަރޯސާނުވުން: ކޮފީ ފަދަ ތަކެތިން ވަގުތީ ގޮތުން ހޭލުންތެރިކަން އިތުރުކޮށްދިނަސް، އެއީ ނިދީގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ.

މި ދިރާސާގެ އެންމެ ބޮޑު މެސެޖަކީ، ނިދި މަދުވާ ކުޑަ މިންވަރަކީވެސް ދިރިއުޅުމުގެ މުހިންމު ކަންކަމަށް ނޭދެވޭ އަސަރުކޮށްފާނެ ކަމެއްކަން ދެނެގަނެ، ނިދުމަށް އިސްކަންދިނުމެވެ.