ތެހެރާނާއި ވޮޝިންޓަނާ ދެމެދު މިވަގުތު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް އީރާނުގެ ސަލާމަތީ ކަންކަމާބެހޭ އިސް އޮފިޝަލް މުހައްސިން ރިޒާއީ ވިދާޅުވެއްޖެ އެވެ. ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލައި މަޝްވަރާތައް އަލުން ފެށުމުގެ ކުރިން، ޖޫން މަހުގެ ވަގުތީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ހަތް ޝަރުތެއް އެމެރިކާއިން ފުރިހަމަކުރަންޖެހޭނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ.

ރިޒާއީ ވިދާޅުވީ، އެ ޝަރުތުތަކާ ގުޅޭގޮތުން ސާފު އަދި ސަރީހަ ޖަވާބެއް ދިނުމަށް އީރާނުން އެމެރިކާގެ ކިބައިން އެދިފައިވާ ކަމަށާއި، ނަމަވެސް އަދި މިހާތަނަށް އެފަދަ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ތަނުގައި ވޮޝިންޓަނުން ޖަވާބެއް ދީފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރާއެކު ހޯމަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަގުތުން ބޮޑު ހަނގުރާމައެއް ފެށުމުގެ ފުރުސަތު ކުޑަކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، އީރާނުން މިހާރު ހުށަހަޅާފައިވާ ސުލްހައިގެ ރޭވުން ގަބޫލުކުރަން އޭނާ ވަނީ އިންކާރު ކުރައްވާފަ އެވެ.