ރަސްމާލެއިން ބިން ވިއްކުމާ ދެކޮޅަށް މާލޭގައި އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާގޮތަށް ނިންމަވައިފި އެވެ.
މިކަން ކަށަވަރުކޮށްދެއްވަމުން، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ވަޒީރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ރައްޔިތުން އިސްވެ ކުރިއަށްގެންދާ ކޮންމެ ހަރަކާތެއްގެ ވެސް އެންމެ ކުރީ ސަފުން ރައީސް ޔާމީން ފެނިގެންދާނެ ކަމަށެވެ. އަދި ހުކުރު ދުވަހުގެ ރެލީގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް މަލީހް ވަނީ ދެއްވާފަ އެވެ.
ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އުފައްދާފައިވާ ޤައުމީ ހަރަކާތުން އެންމެ ފުރަތަމަ މި އެއްވުން ބޭއްވުމަށް ނިންމީ މި މަހުގެ 6 ވަނަ ދުވަހު އެވެ. ނަމަވެސް، އެ ތާރީހު އަންނަ ހުކުރު ދުވަހަށް ފަސްކުރަން ޖެހުނީ އިދިކޮޅު އެމްޑީޕީން ވެސް މި ހަރަކާތާ ގުޅުމަށް ނިންމުމާ ގުޅިގެން ކަމަށް އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ. އިމްރާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއާ ދެކޮޅަށް ނުކުންނަ ރައްޔިތުންގެ އަދަދު އިތުރުވަމުން ދިޔުމަކީ ސަރުކާރަށާއި އީގަލް ހިލްސް ކުންފުންޏަށް މިހާރު ވެސް ބޮޑު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައިވާ ކަމެކެވެ.
އިދިކޮޅު ފަރާތްތަކުން މަގުމައްޗަށް ނުކުންނަން ތައްޔާރުވަމުންދާއިރު، ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ބޭރުގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ވަރަށް ބާރަށް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެ މުއާމަލާތް ނިންމުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ވެސް މިދިޔަ ހޯމަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.
ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކޮށްގެން ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ ރަސްމާލެއިން، އީގަލް ހިލްސްއަށް ބިން ވިއްކުމާ ގުޅޭ "ކޮމާޝަލް ޓާމްސް" އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައެވެ. މި މަޝްރޫއުގެ ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހުގެ ތެރޭގައި ސޮއިކުރުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
ނަޖީބްގެ ގޭބަންދާއެކު ލޯކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ އިން ތ އަތޮޅަށް ހުދު އެލާޓް
ކެއުމުގެ އާދަތަކާއި ކެންސަރާ ހުރި ގުޅުން ސައިންސްވެރިން ބުނެދީފި