ދައުލަތް ހިންގުމުގެ ކަންކަން ހަރުދަނާކުރުމަށާއި މުހިންމު ނިންމުންތަކުގައި މަޝްވަރާ ހޯއްދެވުމުގެ މަޤްސަދުގައި، "ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލިސް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ހާއްސަ މަޖިލީހެއް އެކުލަވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، މި މަޖިލީހަކީ ޤައުމީ މުހިންމު މައްސަލަތަކުގައްޔާއި ސަރުކާރުގެ ސިޔާސަތުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް އުފެއްދެވި މަޖިލީހެކެވެ. މީގެއިތުރުން، ޤައުމަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާ ގުޅިގެން ހިކުމަތްތެރި މަޝްވަރާ ހޯއްދެވުމަކީވެސް މި މަޖިލިސް އެކުލަވާލެއްވުމުގެ މައިގަނޑު އެއް ބޭނުމެވެ. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް އެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވަނީ، ޤައުމުގެ ކަންކަމުގައި ލަފާ ހޯއްދެވުމަށް ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން ހިމެނޭ މަޝްވަރާ މަޖިލީހެއް އުފައްދަވާނެކަން އިއުލާނު ކުރައްވާފަ އެވެ. މިއަދު އެކުލަވާލެއްވި މި މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ދައުލަތުގެ އިއްޒަތް ލިބިވަޑައިގެންފައިވާ 12 ޝަރަފުވެރި ބޭފުޅުންނެވެ.
އެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އަބްދުﷲ ކަމާލުއްދީން (މއ. އާނުވެލި)
- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އައްބާސް އިބްރާހީމް (މ. ސިލްވާކްލައުޑް)
- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އަބްދުއްރަޝީދު ހުސައިން (މއ. އުރަހަ)
- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އަނީސާ އަހްމަދު (މ. ލޮނުވެލި)
- ނިޝާން އަސްކަރީގެ ވެރިޔާ، މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލް (ހ. ރާޅާހާ)
- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، ޑރ. މުހައްމަދު ލަތީފު (މއ. ކިނބި)
- ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، އިބްރާހީމް ރަޝީދު މޫސާ (ހ. މީރުބަހުރުގޭއާގެ)
- ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، އިބްރާހީމް އިސްމާއީލް އަލީ (މ. މަހުމާވިލާ)
- ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، އަހްމަދު ނަސީމް (ހ. ހިކިފިނިފެންމާގެ)
- ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، ބަދުރުއްނަސީރު (މއ. ވިލުވެލި)
- ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، އާދަމް އަބްދުއްރަހްމާނު (އަލިމަސްގެ / ހއ. އުތީމު)
- ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ، އަހްމަދު ޝާކިރު (މއ. ކަށިމާ)
މި ބޭފުޅުންނަކީ ތައުލީމީ، އިޖުތިމާއީ، އަސްކަރީ އަދި ސިޔާސީ ދާއިރާތަކުން ދިގު މުއްދަތަކަށް ދައުލަތަށާއި ރައްޔިތުންނަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ގާބިލު ބޭފުޅުންނެވެ.
ނަޖީބްގެ ގޭބަންދާއެކު ލޯކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި
އެމެރިކާއެކު އެއްވެސް މަޝްވަރާއެއް ނުކުރަން: އީރާން