ކަންކަމާ ފިކުރުބޮޑުވުން ނުވަތަ ސްޓްރެސްގެ ސަބަބުން ހުޅުހުޅުގެ ބަލިތައް، ހާއްސަކޮށް ރާއްޖެބަލި އިތުރަށް ގޯސްވާން ދިމާވާ ސަބަބު ދިރާސާވެރިން ދެނެގަނެފި އެވެ.
"ސައިންސް އެޑްވާންސަސް" މަޖައްލާގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާގޮތުގައި، ހަށިގަނޑުގެ ނާރުތަކުގެ ނިޒާމާއި ދިފާއީ ނިޒާމާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން މީހާ ސްޓްރެސްވާ ހާލަތްތަކުގައި ބަލީގެ އަލާމާތްތައް އަލުން ބޮޑުވެ އެވެ.
މީދާ ބޭނުންކޮށްގެން ސައިންސްވެރިން ހެދި މި ދިރާސާއިން ފާހަގަކުރެވުނު ގޮތުގައި، ސްޓްރެސްގެ ސަބަބުން ހަށިގަނޑުގެ ފިނިހޫނުމިން ބަލަހައްޓާ މުށިކުލައިގެ ސަރުބީ (ބްރައުން ފެޓް) އިން "އައި.އެލް-6" ކިޔާ މޮލިކިއުލެއް ބޭރުކުރެ އެވެ. މި މޮލިކިއުލްގެ ސަބަބުން ދިފާއީ ނިޒާމުގެ ސެލްތައް ހުޅުހުޅާ ދިމާލަށް ދަތުރުކޮށް، ހުޅުހުޅު ދުޅަވެ ރިއްސުން ގޯސްވާން މެދުވެރިވެ އެވެ.
މިއީ ސްޓްރެސްގެ ސަބަބުން އާތުރައިޓިސް ގޯސްވާ ބަޔޮލޮޖިކަލް ސަބަބު ސައިންސްވެރިންނަށް ހޯދުނު ފުރަތަމަ ފަހަރެވެ. ދިރާސާވެރިން ފާހަގަކުރާ ގޮތުގައި މި މަގު ހުއްޓުވުމުން ބަލި ގޯސްވާ މިންވަރު ކުޑަވެގެންދެ އެވެ.
އިންސާނުންގެ ހަށިގަނޑުގައި މިކަން ހިނގާގޮތް ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވި ނަމަވެސް، މިއީ ކުރިމަގުގައި މިފަދަ ބަލިތަކަށް އާ ފަރުވާތައް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން ރާއްޖެބަލި ތަހައްމަލުކުރާ ފަރާތްތަކުން ޑޮކްޓަރުންގެ އިރުޝާދާއެކު، ކަސްރަތުކުރުމާއި، ނިދި ހަމަކުރުމުގެ އިތުރުން ސްޓްރެސް ކުޑަކުރުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް ދިރާސާވެރިން ލަފާދެ އެވެ.
ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުމުގައި ރައީސް ޔާމީން ބައިވެރިވަނީ
ޕާކިން ސިސްޓަމް ބެހެއްޓުމަށް 59.35 މިލިއަން، ދައުލަތަށް ގެއްލުން
އެމްއައިބީއަށް ބޮޑު ދަރަންޏެއް ދައްކަން ޝަމްހީދަށް ހުކުމެއް