ހުޅުލޭ ވޯޓާ ރަންވޭގައި ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދެއް ބިނދި އަރިއަޅާލި ވަގުތު އަނިޔާވި ކެބިން ކްރޫ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލްގެ ޕްލެޓްފޯމަށް މިއަދުގެ މެންދުރު 2:25 ހާއިރު ކައިރި ކުރަނިކޮށް ހިނގި މި ހާދިސާގައި ސީޕްލޭންގެ ކެބިން ކްރޫއަށް އަނިޔާވީ ސީޕްލޭނާއި ޑޮކާ ދޭތެރޭ ފިތިގެންނެވެ.

އެ ކެބިން ކްރޫއަށް ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. މިކަމާ ބެހޭ ގޮތުން ޓީއެމްއޭ އިން ބަހެއް ނުބުނެ އެވެ.

https://www.facebook.com/reel/2328243867953413

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގިއިރު އޭގައި ފަސިންޖަރުންވެސް ތިއްބެވެ. ނަމަވެސް އޭގެން މީހަކަށް އަނިޔާއެއް ނުވެ އެވެ.

މި ހާދިސާއާ ގުޅިގެން ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓީއެމްއޭ އިން ދުއްވާ ބޯޓެއް ޓެކްސީ ކުރުމުގެ ތެރޭގައި ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގުމާއެކު އެމްއޭސީއެލްގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް (އޭއީއެސް) އިން ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، މި ހާދިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.