ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއަށް ދައުލަތުން އުފުލާފައި ވަނީ ސިޔާސީ ދައުވާތަކެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ސައުދަށް އުފުލައިފައިވާ ދައުވާތަކީ އެއްވެސް އަސާސެއް ނެތި ސިޔާސީ ނިޔަތަކާއެކު އުފުލައިފައިވާ ދައުވާތަކެއް ކަމަށެވެ.
ސައުދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ދައުލަތުން އުފުލައިފައިވާ ދައުވާތަކަކީ، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ.
އެމްޑީޕީން ބުނީ އެ ދައުވާތައް ބިނާކޮށްފައިވަނީ، ތިނަދޫ ކައުންސިލުން ނިންމި ނިންމުމަކާ ގުޅިގެންކަން ހާމަވާން އޮތް އިރު، އެ ފަދަ ކަމަކަށް ސައުދު ފަރުދީގޮތުން ޒިންމާވާންޖެހުމަކީ ނުވަތަ އޭނާގެ މައްޗަށް ޖިނާއީ ދައުވާކުރުމަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި އަދި ގާނޫނީ އާއްމު ހަމަތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ.
މި ދައުވާތަކާއެކު، ދައުލަތުން އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅައިފައި ނުވަނީ، ހަމަ ހަގީގަތުގައިވެސް އެ ފަދަ ޖިނާއީ ކުށެއްގެ އަމަލެއް ސައުދު ކޮށްފައި ނުވާތީ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މި މައްސަލަތަކުގައި ދައުވާ އުފުލުމަށްޓަކައި ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަމަލުކޮށްފައިވަނީ، އެހެނިހެން މައްސަލަތަކުގައި ކަންކުރާގޮތާ އިދިކޮޅަށް އަދަޔާ ހިލާފު ބާރުމިނެއްގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ދައުވާ ހުށަހެޅުމާއެކު، ކްރިމިނަލް ކޯޓުން މިހައިތަނަށް އަމަލުކޮށްފައިވާ ގޮތުން، ކޯޓަށް ހުށަހެޅިފައިހުރި އެހެން ދައުވާތަކުގައި ހިންގާ ގަޒިއްޔާތަކާ ހިލާފަށް ވީ އެންމެ އަވަހަކަށް މި މައްސަލަތަކުގައި ހުކުމް ކުރުމަށް އަމާޒުހިފައިފައިވާކަން ފާހަގަކުރެވެއެވެ،" އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، މި ދައުވާތައް ހުށަހަޅައިފައި މި ވަނީ، ސައުދު އަލުން މޭޔަރުކަމަށް އިންތިހާބުވިޔަސް މަގާމު ގެއްލުވައިލައި ޖަލަށްލާނެކަމަށް ބުނެ، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއްމުތަނެއްގައި އިންޒާރުދިންތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މިހެންކަމުން، އިންސާފުން އެއްކިބާވެފައިވާ މި ސިޔާސީ ދައުވާތައް އަނބުރައި ގެންދިޔުއުމަށް މި ޕާޓީން ގޮވައިލަމެވެ،" އެ ބަޔާނުގައިވެ އެވެ.
"މި ކަން މި ކުރަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 26 ވަނަ މާއްދާގެ (ނ) އިން ލިބިދީފައިވާ، އެ މީހަކު މިނިވަންކަމާއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤުގެ ދަށުން ތިނަދޫގެ ރައްޔިތުން އިންތިހާބުކޮށްފައިވާ މޭޔަރުގެ މަގާމު ގެއްލުވައިލުމުގެ ބޭނުމުގައި ކަމަށް ވީތީ، މި ކަމަކީ ގާނޫނުއަސާސީއާއި ޑެމޮކްރަސީގެ އުސޫލުތަކާ ކަނޑައެޅިގެން ހިލާފުކަމެކެވެ."
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންގައިގެން އެމްޑީޕީގެ ހަރަކާތްތެރިންނާއި އިންތިހާބީ މަގާމުތައް އަދާކުރަމުންދާ މެންބަރުންގެ މައްޗަށް ކުރާ ސިޔާސީ ދައުވާތައް ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މި ފަދަ ބިރުދެއްކުމުގެ އަމަލުތަކުގެ ސަބަބުން މި ޕާޓީގެ މެންބަރުން ފަސްނުޖެހޭނެކަން ހަނދާންކޮށްދެމެވެ،" އެ ބަޔާނުގައިވެ އެވެ.
އިޒްރޭލުގެ އެޖެންޓުންނަށް ރާއްޖޭގެ ބިން ދީގެން ނުވާނެ: ހުސެންބެ
ފިކުރުބޮޑުވުމާއި ރާއްޖެބަލީގައި ބޮޑުވަރުވުމާ ގުޅުންވޭ: ދިރާސާ
އެމްއައިބީއަށް ބޮޑު ދަރަންޏެއް ދައްކަން ޝަމްހީދަށް ހުކުމެއް
