ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، އެތެރެކުރުމަށް ދިމާވި ދަތިތަކާ ގުޅިގެން ކައްކާ ގޭސް ފުޅިތަކަށް އަޅައިދޭ މިންވަރަށް ގެނައި ބަދަލު އުވާލައި، މާދަމާއިން ފެށިގެން ކުރިއެކޭ އެއްގޮތަށް ފުރިހަމައަށް ގޭސް ފޯރުކޮށްދޭން ފަށާނެ ކަމަށް މޯލްޑިވް ގޭސް އިން މިއަދު ބުނެފި އެވެ.

ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ކުރިމަތިވި ދަތިތަކާ ގުޅިގެން، ރައްޔިތުންނަށް މެދުކެނޑުމެއްނެތި މި ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ގޭސް ފުޅިތަކަށް އަޅާ މިންވަރު ވަގުތީ ގޮތުން މަދުކުރުމަށް އެ ކުންފުނިން ނިންމީ މި މަހުގެ 4 ވަނަ ދުވަހު އެވެ. އަދި އެ ނިންމުމަށް އަމަލުކުރަން ފަށާފައިވަނީ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ.

މޯލްޑިވް ގޭސް އިން މިއަދު ބުނީ، އެލްޕީޖީ ގޭސް ސަޕްލައި ކުރުމަށް ދިމާވި މައްސަލަތައް މިހާރު އެއްކޮށް ހައްލުކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، މާދަމާއިން ފެށިގެން ކަސްޓަމަރުންނަށް ކުރިއެކޭ އެއްފަދައިން ފުރިހަމަ މިންވަރަށް ގޭސް ފުޅިތައް ދޫކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފަ އެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވް ގޭސް އިން އިތުރަށް ބުނީ، އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި، އިތުބާރާއެކު ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި ދަތި ދަނޑިވަޅުތަކުގައި ވެސް ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.