މީގެ ކުރިން ބޭނުންކުރި މޮބައިލް ނަންބަރެއް ކަމަށް ބުނެ އޮޅުވާލައިގެން، ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ހޯދުމަށްފަހު އީ-ސިމް އަށް ބަދަލުކޮށް، ބޭންކް އެކައުންޓްތަކުން ފައިސާ ފޭރުމާއި ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކުރާ މައްސަލަތައް އިތުރުވަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މަކަރާއި ހީލަތުން މީހުންގެ ޒާތީ މައުލޫމާތާއި އޯޓީޕީ ކޯޑުތައް ހޯދުމަށް ފޯނު ކޯލްތަކާއި އެސްއެމްއެސް މެދުވެރިކޮށް ކުރަމުންދާ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މިފަދަ ކުށްތައް ހިންގާ ފަރާތްތަކުން މިހާރު އެންމެ އާންމުކޮށް ބޭނުންކުރާ އެއް އުކުޅަކީ، އާންމު ފަރުދުންނަށް ގުޅައި، އެ މީހާ މިހާރު ބޭނުންކުރަމުންދާ ފޯނު ނަންބަރަކީ މީގެ ކުރިން އެ މީހުން ބޭނުންކުރި ނަންބަރެއް ކަމަށް ބުނުމެވެ. އަދި ދާދި ފަހުން ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށް ދައްކައި، ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓްތައް އަލުން ހޯދުމަށް (ރިކަވާ ކުރުމަށް) ބޭނުންވާ ކަމަށް ބުނެ، ފޯނަށް ފޮނުވާ ވެރިފިކޭޝަން ކޯޑު ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

އޯޓީޕީ ނުވަތަ ވެރިފިކޭޝަން ލިންކުތައް އެހެން ފަރާތަކާ ހިއްސާކުރުމަކީ އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ފުލުހުން ވަނީ އިންޒާރު ދީފަ އެވެ. އެގޮތުން ސްކޭމަރުން ހިންގާ ބައެއް ނުރައްކާތެރި އަމަލުތަކުގެ ތެރޭގައި:

އީ-ސިމް މެދުވެރިކޮށް ނަންބަރު ވަގަށް ނެގުން: ލިބޭ އޯޓީޕީ ބޭނުންކޮށްގެން، އަނެކާގެ މޮބައިލް ނަންބަރު ކުށްވެރިންގެ އަމިއްލަ ފޯނަށް އީ-ސިމްގެ ޒަރީއާއިން ބަދަލުކޮށްލަ އެވެ. މީގެ ސަބަބުން އެ ނަންބަރަށް އަންނަ ހުރިހާ ފޯނު ކޯލްތަކާއި، ބޭންކިން އެސްއެމްއެސް އަދި އޯޓީޕީތަކުގެ ފުރިހަމަ ކޮންޓްރޯލް އެމީހުންގެ އަތްމައްޗަށް ދެއެވެ.

ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހެދުން: ކޮމްޕްރޮމައިޒްވެފައިވާ ނަންބަރާއި ޒާތީ މައުލޫމާތު ބޭނުންކޮށްގެން، ޝިކާރައަކަށްވާ މީހާގެ ނަމުގައި ހުއްދަނެތި ޑިޖިޓަލް ވޮލެޓްތައް ހަދައި، އެކި ބާވަތުގެ މާލީ މުއާމަލާތްތައް ހިންގަ އެވެ.

ބޭންކް އެކައުންޓުން ފައިސާ ފޭރުން: ވަގަށް ނަގާ މައުލޫމާތުގެ އެހީގައި އިންޓަނެޓް ބޭންކިންއަށް ވަދެ، އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓްތަކަށް ބަދަލުކޮށް، އާންމުންނަށް ބޮޑެތި މާލީ ގެއްލުންތައް ދެއެވެ.

އެހެންކަމުން، އެއްވެސް ހާލަތެއްގައި އެއްވެސް ފަރާތަކާ އޯޓީޕީ ނުވަތަ ވެރިފިކޭޝަން ލިންކު ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ނުދަންނަ ފަރާތްތަކުން ގުޅައިގެން ދައްކާ ވާހަކަތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ފޯނުގެ ކަނެކްޓިވިޓީ ކުއްލިއަކަށް ކެނޑިގެންދާ ހާލަތްތަކުގައި ސަމާލުވުމަށް ވެސް ވަނީ އެދިފަ އެވެ.

މީގެއިތުރުން، މިފަދަ އެއްވެސް ޝައްކުކުރެވޭ މުއާމަލާތެއް ހިނގައިފިނަމަ ނުވަތަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް އެކަން ފުލުހުންނަށް ރިޕޯޓުކުރުމަށާއި، ބޭންކް އެކައުންޓްތައް ވަގުތުން ފްރީޒްކުރުމަށްޓަކައި ކަމާބެހޭ ބޭންކަށް އެންގުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.