ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ދުބާއީގެ އީގަލް ހިލްސް ކުންފުންޏަށް މުޅި އުމުރަށް ދިނުމާ ދެކޮޅަށް މާލޭގެ އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވުމަށް ރާވާފައިވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެ އެއްވުން އިންތިޒާމުކުރާ ފަރާތްތަކަށް މިއަދު އިލްތިމާސްކޮށްފި އެވެ.
ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރަސްމާލެ މަޝްރޫއުގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް ބާއްވާ މި އެއްވުމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި، އާންމު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ފުލުހުންނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާ އަމަލުތައް ވަގުތުން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށާއި، ހިޔާލު ހޯދުމުގެ ވޯޓަކަށް ނުގޮސް ބޭރުގެ ފަރާތްތަކަށް ބިން ދިނުމާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ މި ސުލުހަވެރި އެއްވުން އޮންނާނީ މިރޭ 20:30 ގައި މާލޭގެ އާޓިފިޝަލް ބީޗުގަ އެވެ. މި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ވިދާޅުވީ މިރޭ ބާއްވާ އެއްވުމަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، އެއީ ޤައުމީ ހަރަކާތެއް ކަމަށެވެ. ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އެއްވުންތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަސްމާލެ ފަދަ މަޝްރޫއުތަކުގެ ތެރެއިން ބޭރުގެ މަހުޖަނުން ދިގު މުއްދަތަކަށް ރާއްޖޭގައި ވަޒަންވެރިކުރުވުމުގެ ނުރައްކާ ފާހަގަކުރައްވަމުން މައުރޫފް ވަނީ އެފަދަ ފަރާތްތަކުގެ ފައިސާގެ ނުފޫޒުން މުޅި ގައުމުގެ ނިންމުންތައް ބަދަލުވެގެންދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދިނުމުގެ ވިޔަފާރި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 21 ސެޕްޓެމްބަރުގަ އެވެ.
ކުރީގެ ނަންބަރު ކަމަށް ބުނެ އޮޅުވާލާ ސްކޭމްތައް އިތުރުވަނީ
އަރިއާނާ އާއި ރިކީގެ ގުޅުން ރަސްމީކޮށް ހާމަކޮށްފި
މިސްކިތުގައި ބަރަހަނާވި މީހާ ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފި