ގިނަ ބަޔަކަށް ދުވަސް ފެށޭނީ ހޫނު ބުއިމަކުންނެވެ. ހެނދުނުގެ މި ބުއިމަކީ ހަމައެކަނި ހަށިގަނޑަށް އަރާމުދީ، ހަކަތަ އިތުރުކޮށްދޭ އެއްޗެއް ކަމުގައި ހީވި ނަމަވެސް، ތިބާ ބޯ އެއްޗެއްގެ ސަބަބުން، ހާއްސަކޮށް ސިކުނޑީގެ ދުޅަހެޔޮކަމަށް ކުރާ އަސަރު ހީކުރާ ވަރަށް ވުރެ ބޮޑެވެ.

އުމުރުން ދުވަސްވަމުންދާ ވަރަކަށް ސިކުނޑީގެ ދުޅަހެޔޮކަމަށް އިސްކަންދޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ކަންކަން ހަނދާނުގައި ބެހެއްޓުން، ކަންކަމަށް ސަމާލުކަން ދިނުމާއި، މިޒާޖާއި، ގޮތް ނިންމުމުގެ ހުރިހާ ކަމެއްގެ ޒިންމާ އުފުލަނީ ސިކުނޑި އެވެ. ނިދުމާއި، ކަސްރަތުކުރުމާއި، ކެއިންބުއިމުގެ އާދަތަކަކީ ސިކުނޑި ތޫނުފިލިކޮށް ބެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ. މީގެ އިތުރުން، ކެއިންބުއިމުގެ އާދަތަކުގެ ސަބަބުން ސިކުނޑީގެ ދުޅަހެޔޮކަމަށާއި، ހަނދާން ނެތޭ ބަލި (ޑިމެންޝިއާ) އަށް ކުރާ އަސަރުތައް ދިރާސާކުރާ ފަރާތްތަކުން ދަނީ ބަލަމުންނެވެ.

މިފަދަ މަޝްވަރާތަކުގައި ކޮފީއަށް ބޮޑު ސަމާލުކަމެއް ލިބެ އެވެ. އެއީ އޭގައި އެންޓިއޮކްސިޑެންޓްސް އެކުލެވޭތީއާއި، ސިކުނޑި ސާފުކޮށްދޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާތީ އެވެ. ނަމަވެސް، ސިކުނޑީގެ މާހިރުންގެ ސަމާލުކަން ހުއްޓިފައިވާ ހަމައެކަނި ބުއިމަކީ ކޮފީއެއް ނޫނެވެ.

ނިއުރޮލޮޖިސްޓަކު ވަނީ ސިކުނޑީގެ އާ ސެލްތައް އުފެއްދުމަށް އެހީތެރިވެދޭ އެހެން ބުއިމެއް ފާހަގަކުރައްވާފަ އެވެ. މިއީ އަގުހެޔޮ، ފަސޭހައިން ލިބެން ހުންނަ، އަދި ބައެއް ފަހަރު ބަދިގޭގައި ތައްޔާރަށް ހުންނަ އެއްޗެކެވެ. މިކަމާ ގުޅޭގޮތުން އޭނާ ދެއްވި މައުލޫމާތާއި އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތް ތިރީގައި އެވަނީ އެވެ.

ސިކުނޑީގެ އާ ސެލްތައް އުފެއްދުމަށް އެހީތެރިވެދޭ ބުއިމަކީ ކޮބާ؟

އެ ބުއިމަކީ ގްރީން ޓީ އެވެ. ޔުނިވާސިޓީ އޮފް ސައުތު ފްލޮރިޑާގެ ނިއުރޮލޮޖީ ޕްރޮފެސަރު އަދި ސްޓްރޯކް ޑިވިޜަންގެ ޗީފް، ޑރ. ވިލިއަމް ސޮކޮޓް ބާގިން ވިދާޅުވި ގޮތުގައި، ގްރީން ޓީ، ރީނދޫ، އަދި ކޯކޯ ފަދަ ތަކެތީގައި ހިމެނޭ 'ޕޮލީފީނޯލްސް' އަކީ ސިކުނޑީގެ ދުޅަހެޔޮކަމަށް ނުހަނު މުހިންމު މާއްދާއެކެވެ.

"ރީނދޫގައި ހިމެނޭ ކާކިއުމިންގެ ސަބަބުން ޑިމެންޝިއާއާ ގުޅުންހުރި އެމިލޮއިޑް ޕްލެކްސް މަދުކޮށްދޭއިރު، ގްރީން ޓީގައި ހިމެނޭ އީޖީސީޖީ އިން ސިކުނޑީގެ އާ ނިއުރޯންތައް އުފެއްދުމަށް ބާރުއަޅާ،" ޑރ. ބާގިން ވިދާޅުވި އެވެ.

އީޖީސީޖީ އަކީ ކެޓެޗިން އާއިލާގެ އެންޓިއޮކްސިޑެންޓެކެވެ. އަދި ގްރީން ޓީ އަކީ މި މާއްދާ އެންމެ ގިނައިން ލިބޭ އެއް ވަސީލަތެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނުގެ ކޮފީއަށް ވުރެ ގްރީން ޓީގެ ފައިދާ ސިކުނޑިއަށް ބޮޑުވެދާނެ އެވެ. 2025 ވަނަ އަހަރު އެންޕީޖީ ސައިންސް އޮފް ފުޑް މަޖައްލާގައި ޝާއިއުކުރި ދިރާސާއެއްގައި، ޖަޕާނުގެ އުމުރުން 65 އަހަރުން މަތީގެ 8,766 މީހުން ބައިވެރިކޮށް، އެމީހުންގެ ގްރީން ޓީއާއި ކޮފީ ބޯ އާދަތައް އެމްއާރުއައި ސްކޭންތަކާ އަޅާކިޔާފައިވެ އެވެ. އޭގެއިން އެނގުނު ގޮތުގައި ގިނައިން ގްރީން ޓީ ބޯ މީހުންގެ ސިކުނޑީގައި، ހަނދާން ނެތުމާއި ސިކުނޑީގެ ބާރު ދެރަވުމާ ގުޅުންހުރި "ވައިޓް މެޓާ ލީޝަންސް" (ކުދިކުދި ގެއްލުންތައް) މަދެވެ.

ދުވާލަކު ތިން ތަށި ގްރީން ޓީ ބޯ މީހުންގެ ސިކުނޑީގައި މިފަދަ ގެއްލުންތައް 3 އިންސައްތަ މަދުއިރު، ހަތެއް ނުވަތަ އަށެއް ތަށި ބޯ މީހުންގެ ސިކުނޑީގައި 6 އިންސައްތަ މަދެވެ. އަނެއްކޮޅުން ކޮފީ ބުއިމާއި ސިކުނޑީގެ މިފަދަ ގެއްލުންތަކާ ސީދާ ގުޅުމެއް ހުރިކަމެއް މި ދިރާސާއިން ނުފެނެ އެވެ.

ގްރީން ޓީ ދުޅަހެޔޮ ކެއުމެއްގެ ބައެއްގެ ގޮތުގައި ހިމަނާނީ ކިހިނެއް؟

ގްރީން ޓީއަކީ އެކަނި ބޭނުންކޮށްގެން ހުރިހާ ކަމެއް ހައްލުކޮށްދޭ ޖާދޫއެއް ނޫނެވެ. އެއީ ދުޅަހެޔޮ ކެއުމުގެ އާދަތަކުގެ ތެރެއިން އެއްބަ އެވެ. ޑރ. ބާގިން އިރުޝާދު ދެއްވަނީ އެންޓިއޮކްސިޑެންޓްސް ގިނަ ކާނާ ބޭނުންކުރުމަށެވެ.

"ބްލޫބެރީ، ސްޓްރޯބެރީ، ފެހިކަން ގަދަ ފަތްޕިލާވެލި އަދި ޑާކް ޗޮކްލެޓަކީ ސިކުނޑި ދެރަވުމަށް މެދުވެރިވާ އޮކްސިޑޭޓިވް ސްޓްރެސްއާ ދެކޮޅަށް މަސައްކަތްކުރާ ތަކެތި،" އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ވިޓަމިން ބީ، މެގްނީޒިއަމް އަދި އޮމެގާ-3 ފެޓީ އެސިޑްސްއަކީ ސިކުނޑީގެ ދުޅަހެޔޮކަމަށް މުހިންމު މާއްދާތަކެކެވެ.

ސަމާލުކަން ދޭންޖެހޭ ކަމަކީ، ބާޒާރުގައި ވިއްކަން ހުންނަ ހުރިހާ ގްރީން ޓީއަކީ އެއް ފެންވަރެއްގެ އެއްޗެއް ނޫން ކަމެވެ. ފުޅީގައި ބަންދުކޮށްފައި ހުންނަ ބައެއް ގްރީން ޓީގައި ގިނަ އަދަދަކަށް ހަކުރު ހުރެ އެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ގޭގައި އަމިއްލައަށް ތައްޔާރުކުރުން ނުވަތަ އޭގެ މައުލޫމާތު ލޭބަލް ބެލުމެވެ.

ގްރީން ޓީގައި ކެފެއިން ހުރެ އެވެ. އެއީ ކޮފީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށެވެ. ކެފެއިންގެ ސަބަބުން ނިދުމަށް އުނދަގޫވާ ނަމަ، ދުވާލުގެ ކުރީކޮޅު ބޭނުންކުރުން ބުއްދިވެރި އެވެ. ގަވާއިދުން ކަސްރަތުކުރުމާއި، ހަމަ ނިދި ހޯދުމާއި، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމާއެކު ގްރީން ޓީ ބޭނުންކުރުމަކީ ސިކުނޑީގެ ދުޅަހެޔޮކަމަށް ލިބޭނެ ބޮޑު އެހީތެރިކަމެކެވެ.