ބަހުރޭނުގައި ގާއިމުކޮށްފައި ހުރި އެމެރިކާގެ "އާލީ ވޯނިން" ރާޑަރު ސިސްޓަމަކަށް އަމާޒުކޮށް ކާމިޔާބު ހަމަލާއެއް ދީފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފި އެވެ. މިކަން ހާމަކޮށްފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިން ހުކުރު ދުވަހު އާންމުކުރި ބަޔާނެއްގަ އެވެ.
އައިއާރްޖީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއީ އީރާނުގެ ދެކުނުގެ ބަނދަރު ސިޓީއެއް ކަމަށްވާ ސިރިކްގައި ހުރި މުވާސަލާތީ ޓަވަރަކަށް ދުޝްމަނުން ދިން ވައިގެ ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ. އަދި އައިއާރްޖީސީގެ އެއަރޯސްޕޭސް ފޯސްގެ ހަނގުރާމަމަތީ ވަސީލަތްތައް ބޭނުންކޮށްގެން ބަހުރޭންގައި ހުރި އެމެރިކާގެ ރާޑަރު ސިސްޓަމް ހަލާކުކޮށްލާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. މީގެއިތުރުން، މިއީ ހޮރްމުޒް ކަނޑުއޮޅިން ތެޔޮ ވަގަށް ބޭރުކުރުމާއި ވައިގެ ސަރަހައްދުން ކުރިމަތިކުރާ ގޯނާތައް ހުއްޓާލުމަށް ދުޝްމަނުންނަށް ދިން ސީރިއަސް އިންޒާރެއް ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
މި ހަމަލާއާ ގުޅިގެން ބަހުރޭން ސަރުކާރުން ނުވަތަ އެމެރިކާއިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ފެށުނު އަށް މަސް ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާއާ ބައިއަތުހިފާފައިވާ ޤައުމުތަކުގެ އެކި އުމްރާނީ ވަސީލަތްތަކަށް އީރާނުން ދަނީ ތަކުރާރުކޮށް ހަމަލާތައް އަމާޒުކުރަމުންނެވެ. އޭގެ ތެރޭގައި އެއާޕޯޓްތަކާއި، ބަނދަރުތަކާއި އަދި ހަކަތަ އުފައްދާ މަރުކަޒުތައް ހިމެނެ އެވެ.
އަދި ހަމައެހެންމެ، ހޮރްމުޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރަށް އީރާނުން ހުރަސްއަޅާފައިވާއިރު، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިދިޔަ މަހު ބުނެފައިވަނީ ހޫނުމޫސުމުން ފެށިގެން މިހާތަނަށް ގަލްފުގެ ގައުމުތަކުން 1.5 ބިލިއަން ފީފާގެ ތެޔޮ ބޭރުކުރުމަށް އެމެރިކާއިން އެހީތެރިވެދީފައިވާ ކަމަށެވެ.
ހަނގުރާމައިގެ ކުރީކޮޅު އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް، އޮގަސްޓް މަހު އިގްތިސާދީ ގޮތުން ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އިއުލާނުކުރި ނަމަވެސް، އެމެރިކާގައި ފަހުން ބޭއްވުނު މިޑްޓާމް އިންތިހާބުގައި ވެރިކަންކުރާ ޕާޓީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން، އީރާނާ ދެކޮޅަށް ހަމަލާތައް ވަރުގަދަކުރުމަށް ވޮޝިންޓަނުން ގެންގުޅުނު ހަރުކަށި ސިޔާސަތުތަކަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ލުޔެއް ދީފަ އެވެ.
ގޭތެރޭގެ ކަންކަމާ ޝަކުވާ ކުރުމުގެ ހުއްދައެއް ނޯވޭ: ޝާހްރުކް ޚާން