މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ.ގެ މުއާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފި އެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ އެނބުރި ވަޑައިގެންނެވި މަގުމަތީގައި އެކުވެރި އަރަބި އިމާރާތުގެ ޑުބާއީގައި ޓްރާންސިޓް ކުރެއްވުމަށްފަހު އެވެ.
ނޮވެމްބަރު 10 ވަނަ ދުވަހު ފެށުނު މި މުހިންމު ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ. މި ދަތުރުފުޅަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ކަންބޮޑުވުންތައް ބައިނަލްއަގުވާމީ މައިދާނުގައި ހިއްސާކުރެއްވުމަށް ކުރެއްވި މުހިންމު ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައްވާފަ އެވެ. އަދި ބައިނަލްއަގުވާމީ މާލީ ނިޒާމަށް އިސްލާހީ ބަދަލުތައް ގެނައުމަށް އެމަނިކުފާނު ބާރުއެޅުއްވި އެވެ. ސިޔާސީ ގޮތުން ވެފައިވާ ވައުދުތައް ހަމައެކަނި ލިޔެކިޔުންތަކެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، އެކަންކަން އަމަލީ ނަތީޖާއަށް ބަދަލުކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ މައްސަލަތަކާ ގުޅޭ މަތީ ފަންތީގެ އެކި ވަށްމޭޒު ޖަލްސާތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. މި ބައްދަލުވުންތަކުގައި ރާއްޖެ ފަދަ ނާޒުކު ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް އެމަނިކުފާނު ތަފްސީލީ ގޮތެއްގައި ހިއްސާކުރެއްވި އެވެ. އަދި އެ ގައުމުތަކަށް ފޯރުކޮށްދޭ ބައިނަލްއަގުވާމީ އެހީތެރިކަން މިހާރަށްވުރެ އިތުރުކުރުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވި އެވެ.
ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންނާ ބައްދަލުކުރައްވާފަ އެވެ. މީގެއިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި އެވެ.
މިސްކިތުގައި ބަރަހަނާވި މީހާ ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފި
ގާނޫނާ ހިލާފު ވެއްޖެނަމަ އެއްވުން ހުއްޓުވާނަން: ފުލުހުން
ބަހުރޭނުގައި ހުރި އެމެރިކާގެ ރާޑަރު ސިސްޓަމަށް އީރާނުގެ ހަމަލާ
