ދިވެހިރާއްޖޭގައި މަރުވާ މީހުންގެ ސަބަބުތަކުގެ ތިންވަނައަށް އެންމެ އާންމު ސަބަބަކީ ހަކުރުބަލި ކަމަށާއި، މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 7000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ހަކުރުބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުން އެއްކުރެވުނު މައުލޫމާތުން ދައްކާ ގޮތުގައި، "ޓައިޕް 2 ޑައިބެޓީސް" ޖެހިފައިވާ 7000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި އިންސިއުލިން އުފެއްދުމުގައި މައްސަލަ ހުންނަ "ޓައިޕް 1 ޑައިބެޓީސް" ގެ 300 އެއްހާ ބަލިމީހުން ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާއިރު، މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 250 މީހުން ފަރުވާ ހޯދަމުންދާ ކަމަށްވެސް އެ އެޖެންސީން ފާހަގަކުރެ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، ރާއްޖޭގެ ސިއްހީ ނިޒާމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތަކެވެ. އެގޮތުން، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 85 އިންސައްތައަކީ މިފަދަ ބަލިތަކުގެ ޝިކާރައަކަށްވާ މީހުންނެވެ. އަދި އޭގެ ތެރޭގައި ހަކުރުބައްޔަކީ ފުރާނައަށް ނުރައްކާވާ މައިގަނޑު އެއް ސަބަބެވެ.

ހަކުރުބައްޔަކީ ލޭގައި ހަކުރު ހުންނަންވާ މިންވަރަށްވުރެ މަތިވުމުގެ ސަބަބުން ދިމާވާ ބައްޔެކެވެ. މީގެ ތެރެއިން ޓައިޕް 2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް، ހަށިގަނޑު މާބޮޑަށް ފަލަވުމާއި، ހެލިފެލިވެ އުޅުން މަދުވުން ފަދަ ނުރަނގަޅު ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ހަށިގަނޑަށް އެ އިންސިއުލިން ބޭނުން ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ޖެހޭ ބައްޔެކެވެ. މީގެ އިތުރުން އާއިލީ ގޮތުން މި ބަލި ވާރުތަވުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމަކީވެސް މި ބަލި ޖެހުމަށް މަގުފަހިވާ މައިގަނޑު ސަބަބުތަކެވެ.

ނަމަވެސް، މިއީ ދުރާލާ ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނެސްގެން ރައްކާތެރިވެވިދާނެ ބައްޔެއްކަން އެޗްޕީއޭއިން ފާހަގަކުރެ އެވެ. އެގޮތުން ސިއްހަތަށް ފައިދާހުރި މިންހެޔޮ ކާނާ ބޭނުންކުރުމާއި، ކެއުމުގެ މިންވަރާއި ވަގުތުތަކަށް ސަމާލުވުމާއި، ގަވާއިދުން ކަސްރަތުކޮށް ބަރުދަން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުން މުހިންމެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ނުވަތަ އާއިލާގައި މި ބަލި ހުންނަނަމަ ދުރާލާ ޓެސްޓުތައް ހަދައި ސްކްރީން ކުރުމަށްވެސް އިލްތިމާސްކުރެ އެވެ.

ހަމައެއާއެކު، ހަކުރުބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކުން ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ގަވާއިދުން ބޭސް ބޭނުންކުރުމަށާއި، ޓެސްޓުތައް ހަދައިގެން ހަކުރު ކޮންޓްރޯލްގައި ބެހެއްޓުމަށް ސަމާލުކަން ދިނުމަކީ ބަލީގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.