އުދަ އެރުމުގެ ސަބަބުން ގެއްލުން ލިނުބު ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވަން 10 ވަރަކަށް ދުވަސް ނަގާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ކުރިން ލަފާކުރި ވަރަށްވުރެ ލިބިފައިވާ ގެއްލުން ކުޑަ ކަމަށް ދައްކާ ކަމަށެވެ. އަދި އެއާޕޯޓަށް ލިބިފައިވާ ގެއްލުން އެއްކޮށް ތިން ދުވަހުގެ ތެރޭގައި އެނގޭ ވަރުވާނެ ވާނެ ކަމަށެވެ. އަދި މިހާތާނަށް ބެލިބެލުމުން ރަންވޭ އަށް ގެއްލުމެއްވެފައި ނެތް ކަމަށް ރިޒްވީ ވިދާޅުވި އެވެ.

އެހެންކަމުން 10 ވަރަކަށް ދުވަހުގެތެރޭގައި އެއާޕޯޓް އަލުން ހުޅުވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓަށް އުދަ އެރުމުގެ ސަބަބުން ރަންވޭމަތީގައި ވެސް އެއްކޮށް ފެން ބޮޑުކޮށްލި އެވެ. އަދި މޫސުން ގޯސްވެގެން ޕެސެންޖަރު ޓާމިނަލްގެ ބައެއް ވެސް ވެއްޓުނެވެ. މި އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ވެގެން ދިޔައިރު އެއާޕޯޓުގެ އިންޝުއަރެންސެއް ނުކުރެ އެވެ.

ރީޖަނަލް އެއާޕޯޓް ބެލުމުގެ ދަށަށް ހޯރަފުށި އެއާޕޯޓު ދޫކުރީ މި ދިޔަ މާޗު މަހު މެދުތެރޭގަ އެވެ. އަދި އެއާޕޯޓު ދޫކުރިއިރު ވެސް އޮތީ އިންޝުއަރެންސް ނުކޮށެވެ. ކުރިން މި އެއާޕޯޓުތައް ބެލެހެއްޓީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި އޮތް ރީޖަނަލް އެއާޕޯޓްސް ކިޔާ ޑިޕާޓްމަންޓަކުންނެވެ.

ރީޖަނަލް އެއާޕޯޓްސް އުފެއްދުމަށްފަހު އެ ކުންފުނީގެ ބެލުމުގެ ދަށުގައި ހުރި ޕްރޮޕަޓީތައް އަގުމަގުކުރުމުގެ މަސައްކަތްތަކެއް ވެސް ވަނީ ފަށާފަ އެވެ. އެ އެއާޕޯޓު އިންޝުއަރެންސް ކުރެވޭނީ އެ މަސައްކަތް ނިމިގެންނެވެ.

ހޯރަފުށީ އެއާޕޯޓްގެ އީއައިއޭ ހަދާފައި ވަނީ ހޯރަފުއްޓަށް ނިސްބަތްވާ އަދި އެ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމްގެ ކުންފުނިންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހއ. މާފިނޮޅުގައި އަޅަން އޮތް އެއާޕޯޓް ހޯރަފުށްޓައް ބަދަލުކުރީ މި ސަރުކާރުންނެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެއާޕޯޓް ހެދުމުގައި އީއައިއޭ ރިޕޯޓާ އެއްގޮތަށް އަމަލުކުރިތޯ ބަލާނެ ކަމަށް ބުނެފަ އެވެ.

ދައުލަތުގެ ބަޖެޓުން 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހޯރަފުށި އެއާޕޯޓް ނިންމާ ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. މިއީ މިސަރުކާރުގެ ފުރަތަމަ އެއާޕޯޓެވެ. މިހާ ކުރު މުއްދަތެއްގައި އެއާޕޯޓަށް ބޮޑު ގެއްލުމެއް ލިބުމާ ގުޅިގެން އެތައް ބަޔަކު ގެންދަނީ އެ މައްސަލާގައި ޒިންމާވާންޖެހޭ ފަރާތް ތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.