ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ނުކަތާ ވަރަށް އިތުރުވެ، ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރާވާތީ، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންފައި ކަމަށް އެމަނިކުފާނު ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިހާރު ހުންނެވީ ގޭ ބަންދުގަ އެވެ. އެ މަނިކުފާނު ގެއަށް ބަދަލުކުރީ މާފުށި ޖަލުގައި ކޮވިޑް ފެތުރެން ފެށުމާއި ގުޅިގެންނެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ޔާމީންއާ ބައްދަލުކުރައްވައިފަ އެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ގައުމުގެ އިސްތިގުލާލަށް ބުރޫ އަރާފަދަ ކަންތައްތައްވަމުން ދާއިރު ވާދަވެރި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ޕީޕީއެމާއި ޕީއެންސީ އިން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަަދަ ކުރުމަށް ރައީސް ޔާމީން އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ސަރުކާރަށް މެނޭޖް ނުކުރެވޭތީ ޔާމީން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނެވި ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތައް އޮތް ގޮތުން ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ޔާމީން ދެކޭކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ޝިޔާމް އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރު ގޯސްކޮށް ކުރަމުންދާ ކަންކަން ރަނގަޅު ކުރުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީގެ މަސައްކަތްތައް، ޕާޓީގެ ތެރެއިންނާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަރުގަދަ ކުރުމަށް ޔާމީން އެދިވަޑައިގެންނެވި ކަމަށެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓަކަށް ޔާމީން ނެރެ އިންތިހާބު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތް ކުރިއެކޭ އެއްގޮތަށް ގެންދާނެކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ސަރުކާރަށް މެނޭޖް ނުކުރެވޭތީ އިދިކޮޅު ކޯލިޝަންގެ ފަރާތުން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު ވަނީ މަޖިލީޙުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ. މި މައްސަލައަށް މިއަދު ބަހުސް ކުރިއަށް ގެންދިޔައެވެ. އެމްޑީޕީގެ މެންބަރުން ވެސް ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެފަ އެވެ.

ސަރުކާރަށް މި ކަންކަން މެނޭޖް ނުކުރެވި ހާލަތު އިތުރަށް ގޯސްވެ ކަންކަން ބޮއްސުން ލައިގެން ދާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.