ފޭސްބުކް ޕްރޮފައިލްއަށް ޒިޔާރަތްކުރާ ކޮންމެ މީހަކު ފީ ގެ ގޮތުގައި 20 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ލިޔެފައި އޮތް ޕްރޮފައިލް އަކަށް ޒިޔާރަތް ކުރެވެމުން ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ރަޝީދު (ދޮންބެ ރަޝީދު) އެ "ފީ" ދައްކަވައިފި އެވެ.

ދޮންބެ ވަނީ ކުދުބެއްޔާގެ ސަވާދު ކިޔާ މި މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ފަހު އެކަން ހާމަކޮށް ޕޯސްޓެއް ވެސް ކުރައްވާފަ އެވެ. މިކަން އޭނާ ކުރެއްވީ މަޖަލަކަށް ކަމަށް ބެލެވެ އެވެ.

މި ފޭސްބުކް އެކައުޓަށް ޒިޔާރްތްކުރާ ކޮންމެ މީހަކުވެސް ސާވިސް ޗާޖެއްގެ ގޮތުގައި 20 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ލިޔެ، އެ ޕްރޮފައިލްގައި އެކައުންޓް ނަންބަރުވެސް ހިމަނާފައިވެ އެވެ.

މެމްބަރު ދޮންބެ ފައިސާ ދެއްކެވި ސްލިޕް

މިކަމާއި ގުޅިގެން ދޮންބެ ކުރެއްވި ޕޯސްޓެއްގައި ވާ ގޮތުން ސަވާދުގެ ޕްރޮފައިލްއަށް ޒިޔާރަތް ކުރުމުން 20 ރުފިޔާ ޗާޖުކޮށްފައިވެ އެވެ. އަދި އެފައިސާ މިހާރު ވާނީ ދައްކާފައި ކަމަށެވެ. އެ ފައިސާ ދެއްކެވީ އޭނާގެ ހިއްސާ އޮންނަ ދޮންބޭސް ޕްރައިވެޓް ލިމިޓެޑުންނެވެ.

ދޮންބެގެ ކުންފުންޏަކީ ފުޅާ ދާއިރާއެއްގައި ރިސޯޓުތަކާއި މާލެ އަދި އެކި ރަށްރަށުގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަންގެ ވިޔަފާރިކުރަމުން އަންނަ ކުންފުންޏެކެވެ.

މި ޕްރޮފައިލްގެ ވެރިޔާ ސަވާދު ބުނި ގޮތުގައި މިކަމުން ދޭހަކޮށްދިނީ ދާއިރާގެ މެންބަރަކީ ތެދުވެރި ބޭފުޅެއްކަމެވެ. ދޮންބެ އާއި ސާވާދުއަކީ އެއް އަވަށަކަށް ނިސްބަތްވާ ދެ މީހުންނެވެ.