އިންޓަނެޓްގެ އަގަށް ގެންނަ ބަދަލު އިއުލާންކުރުން ސަރުކާރުން ދެވަނަ ފަހަރަށް ފަސްކޮށްފި އެވެ.

ސަރުކާރުން އެންމެ ފުރަތަމަ އިއުލާންކުރީ އަގުތަކަށް ގެންނަ ބަދަލު އިއްޔެ އިއުލާންކުރާނެ ކަމަށެވެ. ނަމަވެސް އިއްޔެ އެކަން ފަސްކުރީ މިއަދު އިއުލާންކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ އިންޓަނެޓްގެ ޚިދުމަތާ ގުޅޭ ސަރުކާރުގެ އައު ސިޔާސަތު އިއުލާންކުރަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ 10 ޖަހާއިރު ކަމަށެވެ.

އިންޓަނެޓްގެ އަގަށް ގެންނަ ބަދަލު އިއުލާންކުރުން ލަސްވީ ކީއްވެގެން ކަމެއް ސަރުކާރުން ނުބުނެ އެވެ.

އިންޓަނެޓުގެ އަގުތައް ހެޔޮކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

ރައީސް އޮފީހުން އާދީއްތަ ދުވަހު ބުނެފައި ވަނީ އާ އަގުތަކަކީ މިހާރުގެ އަގުތަކަށްވުރެ 20 ޕަސަންޓު ހެޔޮ އަގުތަކެއް ކަމަށް ވެސް ބުންޏެވެ. އެންމެ ބޮޑު ބަދަލެއް އަންނާނީ އަގު ހެޔޮކޮށް ބޮޑު ބަދަލެއް އަންނަނީ ފިކްސް ބްރޯޑް ބޭންޑްގެ ހިދުމަތަށް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހުގެ މިނިސްޓަރުކަމުގައި އޭނާ ވަނީ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކާ މަޝްވަރާކޮށް އިންޓަނެޓުގެ އަގުހެޔޮކުރަން އެއްބަސްކުރުވައިފަ އެވެ. އަދި އެ މަޝްވަރާތަށް ހިމެނޭހެން އިންޓަނެޓް އަގުހެޔޮ ކުރަން ޖެހޭ ހުރިހާކަމެއް ކޮށް ނިންމައި ރައީސް އޮފީހަށް ފޮނުވުމުން އެކަމާ ހުރަސް އެޅީ މިހާރުގެ ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ ކަމަށް މަލީހު ވަނީ ވިދާޅުވެފަ އެވެ.

މަލީހު މިނިސްޓަރުކަމުން ވަކިކުރީ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުންނެވެ. އެއަށްފަހު އެ މަގާމާ ހަވާލުވީ ޝައުނާ އެވެ.

ސަރުކާރުން އިންޓަނެޓް އަގު އިއުލާންކުރުން ދެ ފަހަރަށް ފަސްކުރުމުން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.