އިންޓަނެޓުގެ ހެޔޮ އަގުތައް މިއަދު އިއުލާންކުރަން ކުރިން ހަމަޖެހިފައި އޮތަސް، އެކަން މާދަމާ އަށް ފަސްކޮށްފި އެވެ. އިންޓަނެޓުގެ އަގުތައް ހެޔޮކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

ރައީސް އޮފީހުން އިއްޔެ ބުނެފައި ވަނީ މިއަދު އިންޓަނެޓުގެ އަގުތަކަށް ގެންނަ ބަދަލުތައް އިއުލާން ކުރާނެ ކަމަށެވެ. އަދި އާ އަގުތަކަކީ މިހާރުގެ އަގުތަކަށްވުރެ 20 ޕަސަންޓު ހެޔޮ އަގުތަކެއް ކަމަށް ވެސް ބުންޏެވެ. އެންމެ ބޮޑު ބަދަލެއް އަންނާނީ އަގު ހެޔޮކޮށް ބޮޑު ބަދަލެއް އަންނަނީ ފިކްސް ބްރޯޑް ބޭންޑްގެ ހިދުމަތަށެވެ.

ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހުގެ މިނިސްޓަރުކަމުގައި އޭނާ ވަނީ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކާ މަޝްވަރާކޮށް އިންޓަނެޓުގެ އަގުހެޔޮކުރަން އެއްބަސްކުރުވައިފަ އެވެ. އަދި އެ މަޝްވަރާތަށް ހިމެނޭހެން އިންޓަނެޓް އަގުހެޔޮ ކުރަން ޖެހޭ ހުރިހާކަމެއް ކޮށް ނިންމައި ރައީސް އޮފީހަށް ފޮނުވުމުން އެކަމާ ހުރަސް އެޅީ މިހާރުގެ ޓެކްނޮލޮޖީ މިނިސްޓަރު އައިޝަތު ޝައުނާ ކަމަށް މަލީހު ވަނީ ވިދާޅުވެފަ އެވެ.

މަލީހު މިނިސްޓަރުކަމުން ވަކިކުރީ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުންނެވެ. އެއަށްފަހު އެ މަގާމާ ހަވާލުވީ ޝައުނާ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި މިއަދު އިންޓަނެޓުގެ އާ އަގުތަށް އިއުލާން ނުކުރުމުން ސަރުކާރަށް ގިނަ ޒުވާނުން ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ފޭސްބުކް ބޭނުންކުރާ ގިނަ ޒުވާނުން ބުނީ، މިއަދަކީ ބައިނަލް އަގްވާމީ އިންޓަނެޓުގެ އަގުތައް ހާމަކުރާ ދުވަސް ކަމަށާއި ނަމަވެސް އެކަން ކުރާނީ މާދަމާ ކަމަށެވެ.

ވިހިހާހައަށް ވުރެ ގިނަ ލައިކްސް ލިބިފައިވާ ޕޭޖަކުން ކުރި ޕޯސްޓެއްގައި ބުނީ، މިއީ ސަރުކާރުގެ ނާގާބިލުކަން ފޮރުވަން ޖައްސާ ސްޓަންޓެއް ކަމަށެވެ. މީގެ އިތުރުން ސިޔާސީ ޕޯސްޓުކުރާ ޕޭޖެއްގެ ޕޯސްޓުގައި ބުނީ، އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ ހުރިހާ ކަމެއް މަލީހު ނިންމާފައި ވަނިކޮށް އޭނާ މަގާމުން ވަކިކޮށް ޝައުނާ އައްޔަންކޮށްގެން ސަރުކާރުން އުޅެނީ އެމްޑީޕީ ޕްރޮމޯޓު ކުރަން ކަމަށެވެ. އަދި މިއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ބައެއް ކަމަށެވެ.